ޚަބަރު

ޓެސްޓު ކުރެވޭ އަދަދު 1000 އަށް އިތުރުކޮށް، އަންނަ މަހު އަތޮޅުތަކުގައި ޓެސްޓްކުރަން ފަށަނީ

މާލޭ ސަރަހައްދުން ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވޭ އަދަދު 1000 އަށް އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރު ޢަބްދު ﷲ އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާ ދުވާލެއްގެ މައްޗަށް ބައްޔަށް ޓެސްޓްކުރެވޭ ނިސްބަތް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

އެގޮތުން އައިޖީއެމްއެޗްގައި ޓެސްޓު ކުރެވޭ މިންވަރު 1000 އަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި ޖޫން މަހުގެ ކުރީ ކޮޅު އަތޮޅު ތެރޭގައިވެސް ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޖީންއެކްސްޕާޓް ކާޓްރިޖްތައް ރާއްޖެއަށް އައުމާއެކީގައި އަތޮޅު ތެރޭގައި ޓެސްޓްކުރުން ފެށިގެންދާނެ. މީގެއިތުރުން ޕީ.ސީ.އާރް މެޝިންތައް ބޭނުންކޮށްގެންވެސް އަތޮޅުތަކުގައި ޓެސްޓްކުރުމުގެ އިންތިޒާމްތައް އެބަ ހަމަޖެއްސޭ" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މާލޭގައި އެންމެ ފުރަތަމަ ބަލި ފެތުރިގެންދިޔަ ނިސްބަތާއި ބަލާފައި މިހާރުވެސް ޓެސްޓިންގ ކެޕޭސިޓީ ވަރަށް ބޮޑުތަން އިތުރުކުރެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ބައްޔަށް ފައްސިވާ މީހުންގެ ޢަދަދަށާއި، ބަލި ފެތުރެމުންދާ ޓްރެންޑާއި އެއްގޮތަށް ޓެސްޓްކުރުމުގެ ކަންކަންވެސް ފުޅާކޮށް ހަރުދަނާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!