ޚަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ރެކޯޑު އަދަދަކަށް ފޭސް މާސްކު އެތެރެކޮށްފައިވޭ: ކަސްޓަމްސް

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ރެކޯޑު އަދަދަކަށް ފޭސް މާސްކު އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

Ads by STELCO

ކަސްޓަމްސްއިން އާއްމުކޮށްފައިވާ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗުމަހުގެ ނިޔަލަށް ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ދައްކައިދޭ ތަފާސް ހިސާބުތަކުގައިވާގޮތުން ރާއްޖެއަށް ވަނީ 4.9 މިލިއަން ފޭސް މާސްކް އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 1179 އިންސައްތަ އިތުރު އަދަދެކެވެ.

އަދި އަގުގެ ގޮތުން ބަލާނަމަ މިއީ 17 މިލިއަން ރުފިޔާގެ ފޭސް މާސްކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 6 ލައްކަ ރުފިޔާގެ ފޭސް މާސްކެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އިމްޕޯޓުކުރާ މާސްކާއި ސެނިޓައިޒާގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިންގ ފީ މާރޗު މަހު ވަނީ ކަނޑާލާފައެވެ.

ފޭސްމާސްކުގެ އިތުރުން ބޭހުގެ ބާވަތްތައް އިމްޕޯޓު ކުރި މިންވަރު ވެސް ވަނީ 14 ޕަސެންޓު އިތުރުވެފައެވެ. ހޮސްޕިޓަލްތަކުގައި ބޭނުންކުރާ މެޝިނަރީތަކާއި އެހެނިހެން ސާމާނުތައް އެތެރެކޮށްފައިވާ މިންވަރު 522 ޕަސެންޓު އިތުރުވެފައިވާއިރު އަގުގެ ގޮތުން ބަލާނަމަ ރާއްޖެއަށް ވަނީ 138 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓްސް އެތެރެކޮށްފައެވެ.

ހުސްވި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 22 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓެވެ. ކޮވިޑް-19 އާ ގުޅިގެން ސައިބޯނި އާއި ޑިސްއިންފެކްޓެންޓު އެތެރެކޮށްފައިވާ މިންވަރުވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އެ މުއްދަތުގައި މިތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރުވަނީ 211 ޕަސެންޓު އިތުރުވެފައެވެ. މިތަކެތިންވެސް ސަރުކާރުން ވަނީ ޑިއުޓީ މާފްކޮށްދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!