ދުނިޔެ

އިންޑިއާ ބައެއް މީހުން އާއިލާ ގާތަށް ދިއުމަށްޓަކައި ފުރާނައަށް ބެލުމެއް ނެތި ޔަމުނާ ކޯރު ހުރަސް ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މަރޗް 25 އިން ފެށިގެން އިންޑިޔާގައި އިޢުލާންކޮށްފައިވާ ހަރުކަށި ލޮކްޑައުންގެ ސަބަބުން އާންމު ދަތުރުފަތުރު ވަނީ ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން އެކި ބޭނުމަށް އެހެން ސްޓޭޓްތަކަށް ގޮސް ތިބި އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. ކުރާނެ މަސައްކަތެއް ނެތުމުން ކައިބޮއި ހެދޭނެ ގޮތެއްވެސް ނެތެވެ.

Ads by Sosun Fihaara

ސަރުކާރުން މިހާރު ވަނީ މި ފަދަ މީހުނަށްޓަކައި ޝްރަމިކް ސްޕެޝަލްގެ ނަމުގައި ޓްރެއިން ދަތުރުތަކެއް ހަމަޖައްސާފައެވެ. ނަމަވެސް ހުރިހާ އެންމެނަށް އެއިންވެސް ޖާގައެއް ނުލިބެއެވެ. އެހެން ކަމުން ދުވާލަކު ދެހާހެއްހާ މީހުން އެމީހުންގެ ފުރާނައަށް ބެލުމެއްނެތި ބާ ޓަޔަރު ހިފައިގެން ޔަމުނާ ކޯރު ހުރަސް ކުރުމަށް ކޯރަށް ފައިބައެވެ.

ޔަމުނާ ކޯރަށް ފައިބަމުންދާ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. މިއީ އުއްތަރު ޕްރަދޭޝަށް ހަރިޔާނާއިން ދެވޭނެ އެންމެ ކުރުމަގެވެ. ސަބަބަކީ ޗެކްޕޯސްޓްތަކާއި ބޯޑަރ ކޮންޓްރޯލް ކުރާމީހުންގެ ފަރާތުން ސަލާމަތް ވާނެތީއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމާ ގުޅިގެން ސަހާރަން ޕޫރުގެ ޑިވިޝަނަލް ކޮމިޝަނަރ ސަންޖޭ ކުމާރު ހާމަ ކުރި ގޮތުގައި މިގޮތަށް ކޯރަށް ފައިބާމީހުންގެ އަބަދު ތިން ހާހާ ކައިރިކުރާނެއެވެ.

މިގޮތަށް ކޯރަށް ފައިބާ މީހުން 200 ނުވަތަ 300 ރުޕީސް ދީފައި ބާ ޓަޔަރު ގަނެއެވެ. އެ ހުންނަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ކޯރުގެ މެދުގައި އޮއްވާ ކޮންމެ ވަގުތަކުވެސް މި ޓަޔަރު ފަޅައިގެން ހިނގައިދާނެއެވެ. މިގޮތަށް ކޯރުހުރަސްކުރާ މީހުން ހާމަ ކޮށްފައިވާގޮތުގައި މިކަމަށް ރޭގަނޑުގެ ވަގުތު އިޚްތިޔާރުކުރަނީ ދުވާލުގެ ހޫނުން ސަލާމަތްވާން ވެގެންނެވެ. މިއީ އިންޑިޔާއަށް ހޫނު މޫސުން ނިމޭ ހިސާބެވެ. އެހެންކަމުން ކޯރުގެ ފެންގަނޑު ތިލަ ވުމުން ކޯރު ހުރަސް ކުރަން ފަސޭހަ ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!