އަންނަ އަހަރުގެ ދިރާސީ އާ އަހަރު، އަހަރުގެ މެދުތެރެއިން ފަށަން ނިންމައިފި
އަންނަ އަހަރުގެ ދިރާސީ އާ އަހަރު، އަހަރުގެ މެދުތެރެއިން ފަށަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޯ ލެވެލް އިމްތިހާނު އަންނަ އަހަރަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ މެއި/ޖޫން ގައެވެ.
އެގޮތުން މިބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު މިހާރު ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އަދި މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑް-19 ގެ ސަބަބުން މިދިޔަ މާޗު މަހުން ފެށިގެން ސްކޫލްތައް ބަންދުކޮށްފައިވާއިރު، މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އަދި ސްކޫލްތައް އެންމެ އަވަހަށް ހުޅުވުނަސް ހުޅުވޭނީ ކުރިއަށް އޮތް ސްކޫލް ބަންދަށްފަހު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.