ޖާބިރުގެ ޚިޔާލު: މީހުން ވަޅުލުން ޓޫރިސްޓު ޕްރޮޑަކްޓަކަށް ހެދިދާނެ
މަރުވާ މީހުން ވަޅުލުމަކީ ޓޫރިޒަމްގެ އާ ޕްރޮޑަކްޓެއްގެ ގޮތުގައި އާމްދަނީ ހޯދުމަށް ކުރެވިދާނެ ކަމެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގައި މަރުވާ ޝްރީލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލައިދެވޭނެ ގޮތެއް ހޯދައިދިނުމަށް އެދި އެގައުމުގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ސިޓީފުޅެއް ފޮނުއްވާފައިވާ މިދަނޑިވަޅެއްގައި ޖާބިރު ވިދާޅުވީ ރާއްޖެއަށް ގައިން ގަޔަށް އަރާ ބޮޑެތި ބަލިޖެހިގެން މަރުވާ މީހުން ގެނެސް ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް، ޓޫރިޒަމްގެ އާ ޕްރޮޑެކްޓެެއްގެ ގޮތުގައި "ފިއުނަރަލް ސާވިސަސް" ތައާރަފު ކުރުމަކީ އިތުރު އާމްދަނީ ހޯދުމަށް ހުޅުވިގެންދާ ދޮރެެއް ކަމަށެވެ.
ކާށިދޫ ދާއިރާގެ މެންބަރު މިފަދައިން ވިދާޅުވެފައިވާއިރު ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތް ކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ އެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުން ކަމަށެވެ.
ރައީސް ޞާލިޙު މިފަދައިން މަޝްވަރާ ކުރައްވަމުން ގެންދަވާއިރު، މިކަމާ ބައެއް ފަރާތްތަށް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.