ދުނިޔެ

މުޅިތަނުގައި އޮތީ އަލިފާން، އިވެނީ ކުޑަކުދިންގެ ރުއިމުގެ އަޑު ، ޕާކިސްތާން ފްލައިޓުން ސަލާމަތްވި މީހަކު

ދެން އެމްވީ ، ދެން އޮންލައިން

ޕާކިސްތާނުގެ ލަހޯރުން ކަރާޗީއަށް ދަތުރުކުރަނިކޮށް މިމަހުގެ 22 ވަނަ ދުވަހު ވެއްޓުނު ބޯޓުން ދަތުރު ކުރި 99 މީހުން މަރުވިކަމަށް ބޭރުގެ ބައެއް މީޑިއާތައް ފުރަތަމަ ރިޕޯޓް ކުރި ނަމަވެސް ދެމީހަކު ވަނީ ސަލާމަތްވެފައެވެ. އޭގެ ތެރެއިން އެކަކު ވަނީ އެދުވަހުގެ ބިރުވެރި ހާދިސާގައި ކުރި ތަޖުރިބާ މީޑިއާއަށް ކިޔައިދީފައެވެ. އޭނާ ސަލާމަތްވީ ބޯޓް ވެއްޓުމުގެ ކުރިން ބޯޓުން ފުންމާލައިގެންނެވެ.

Ads by Sosun Fihaara

ޕާކިސްތާނު އިންޓަރނޭޝަނަލް އެއަރލައިންސްގެ ބޯޓު، ހުކުރު ދުވަހު ވެއްޓުނީ ކަރާޗީ އެއަރޕޯޓާއި ކައިރިވެފައި ވަނިކޮށް، ބޯޓުގެ ދެ އިންޖީނު ފެއިލް ވެގެންނެވެ. ބޯޓުގެ ފިޔަގަނޑު އިމާރާތްތަކުގެ ފުރާޅުގައި ކޭތެމުންގޮސް، ވައިގެތެރެއަށް އެތައް ބައިވަރު ދުމެއް ބޭރުވިފަހުން ބޯޓު ވެއްޓުނީ މަގުމައްޗަށެވެ. ވަގުތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށުނެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ލޮކްޑައުންގެ ފަހުން ފަސިންޖަރުން އުފުލާ ފްލައިޓްތައް މެދުކަނޑާލުމަށްފަހު ދަތުރު ކުރަން ފެށި ދެވަނަ ދުވަހު ހިނގި ހާދިސާއެކެވެ.

މިބޯޓުން ސަލާމަތްވި 24 އަހަރުގެ މުޙައްމަދު ޒުބޭރު ހޮސްޕިޓަލްގައި އޮވެ ކިޔައިދީފައިވަނީ އޭނާ ހޭ އެރީ ބޯޓު ވެއްޓުމުން ކަމަށެވެ. އަދި ހޭ އެރިއިރު މުޅި ހިސާބުގައި އޮތީ އަލިފާން ކަމާ، އެއްވެސް މީހަކު ފެންނަވަރު ނުވާކަމަށް ވެސް ޒުބޭރު ބުނެއެވެ. ޒުބޭރަށް ވަނީ ފިހިގެން ޒަޚަމްތަކެއް ލިބިފައެވެ ނަމަވެސް އޭނާގެ ހާލު ގޯސް ނޫންކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އިތުރަށް ޒުބޭރު ބުނީ މުޅި ތަނަށް ގުގުމާފައި ވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ރުއިމުގެ އަޑު ކަމަށާ، ސަލާމަތްވާން ވެގެން އެންމެން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. ޒުބޭރުވެސް ސަލާމަތްވާން ވެގެން ގޮނޑީގެ ކަމަރު ނައްޓާލުމަށްފަހު އަލި އަންނަ ދިމާލެއް ފެނުމުން އެދިމާލަށް ގޮސް ބޯޓުން ބޭރަށް ފުންމާލީ ކަމަށް އޭނާ ކިޔައިދިނެވެ.

ބޯޓުން ދެން ސަލާމަތްވި ކަމަށް ބެލެވެނީ ބޭންކް އޮފް ޕަންޖާބުގެ ރައީސް ޒަފަރު މަސްއޫދެވެ. މަރުވެފައިވާ މީހުންގެ ތެރެއިން، ޑީ.އެން.އޭ ހަދައިގެން 19 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށާ، މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ޔުނިވަރސިޓީ އޮފް ކަރާޗީގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ ބަރަކާތްތެރި ރޯދަމަހާ ގުޅިގެން އަންނަ ފިތުރު ޢިދު ފާހަގަ ކުރުމަށް، އަވަށްތަކުގައި އުޅުނު ގިނަ އާއިލާތަކަކުން އެ އާއިލާގެ އެހެން މެމްބަރުންނާ ބައްދަލު ކުރުމަށް ކުރި ދަތުރެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!