މުނިފޫހިފިލުވުން

ފުރަތަމަ ފަހަރަށް ރިޝްމީ"އިންސްޓަގްރާމް" އިން މިއަދު ލައިވް ވަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި، އަދި މިދިޔަ އަހަރު "ދިވެހި ފިލްމު އެވޯޑްސް" ގައި އެންމެ މޮޅު ބަތަލާގެ މަގާމު ހޯދި އައިޝަތު ރިޝްމީ މިއަދު ހަވީރު އިންސްޓަގްރާމް އިން ލައިވް ވާނެ ކަމަށް އޭނާ ބުނެފިއެވެ.

މިއީ އޭނާ ބެލުންތެރިންނާއި ވާހަކަ ދައްކާލުމަށް ލައިވް އަކަށް އަންނަ ފުރަތަމަ ފަހަރެވެ.

ނިމިދިޔަ ރަމަޟާންމަހު ލޮކްޑައުން ހޭދަ ކުރި ގޮތާއި ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން، ޢީދު ދުވަހު ކުރަން ނިންމާފައި ހުރީ ކޮންކަމެއްތޯ ކުރި ސުވާލަށް ޖަވާބު ދެމުން ރިޝްމީ ބުނީ މިއަދު ހަވީރު 17:00 ގައި އިންސްޓަގްރާމް އިން ލައިވް ވާން ނިންމާފައިވާ ކަމަށެވެ.

ލައިވްގައި ރިޝްމީ އާއެކު ބައެއް ފަންނާނުން ވެސް ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގަ އޭނަގެ ފިރިމީހާ ރަވީ ފާރޫޤް އާއި ކޮއްކޮ މަރިޔަމް އައްޒަގެ އިތުރުން، އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމާހް، މުޙައްމަދު ވިޝާލް (ރޯމަން)، ފާތިމަތު ޝަރާ، ޝާއިފް (ޑެވިލް4050)، ލަމްހާ ލަތީފް (ލަމް)، އަހްމަދު ޝާރިފް، ހުސެއިން ޝަދްޔާން (ސޭންޑީ) އަދި މަރިޔަމް ވަހީދާ (ޔަމް) ވެސް ހިމެނެއެވެ.

ނިިމިދިޔަ ރަމަޟާން މަސް ލޮކްޑައުންގައި ހޭދަ ކުރަން ޖެހުމުން ކުރިމަތިވި ކަންތައްތަކާއި ބެހޭގޮތުން ރިޝްމީ ބުނީ މާބޮޑު ބަދަލެއް ނާންނަ ކަމަށާއި ނަމަވެސް ދަރިފުޅު ގޮވައިގެން ހަވީރު ބޭރަށް ނުދެވުނު ކަމަށެވެ.

"އަނެއްހެން މާބޮޑު ބަދަލެއް މިއަހަރަކު ވަކި ނާދޭ. ރިޝްމީ މެންނަކީ ރޯދަމަހު ހަމަ އާންމުގޮތެއްގައި ވެސް ގޭތެރޭގެ ކަންކަމުގަ އުޅޭ ބައެއް. އެކަމަކު އެހެން އަހަރުތަކުގެ ޒެއްލު ގޮވައިގެން ހަވީރު ބޭރަށް ނިކުމެލަން. އެކަން މިއަހަރު ނުވި. އެއީ އަނެއްހެން އައި ބަދަލަކީ. ދެން އޭގެ އިތުރުން ވަރަށް އިކޮނޮމައިޒްކޮށް މިފަހަރު ރޯދަ ވީއްލަން އެއްޗެހި ތައްޔާރުކުރީ ވެސް، އާންމުކޮށް ރޯދަ ވީއްލަން ޝޯޓްއީޓްސް ހަދަން. މިފަހަރު އެކަމަކު ގިނައިން ހެދީ ރޮށްޓާއި ރިހަ އާއި، މަސްހުންޏާއި އެކަހަލަ އޮށްޓަރު ހުރި އެއްޗެހި" ރިޝްމީ ބުންޏެވެ.

މީގެއިތުރުން ރިޝްމީ ބުނީ ރޯދަ މަހުގެ ދުވަސްތައް ހަމަ އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ހެޔޮ ގޮތުގައި ބޭނުން ކުރި ކަމަށާއި، އޭގެއިތުރުން ފޯނަށް އެވަރަށް ސަމާލުކަން ނުދީ އުޅުނު ކަމަށެވެ. ނަމަވެސް އެހެން ރޯދަ މަސްމަހު އޭނާގެ މަންމަ ފޮނުވާ މީރު ކާއެއްޗެހި މިފަހަރު ލޮކްޑައުންގެ ސަބަބުން ނުލިބުނު ކަމަށާއި އެކަން މިސްވި ކަމަށް ވެސް ބުންޏެވެ. ކޮވިޑް ގެ ހާލަތު ރަނގަޅުވުމުން ފުރަތަމަ ދާނީ ދަރިފުޅު ގޮވައިގެން ބޭރުތެރޭގައި މަޖާކޮށްލަން ކޮންމެވެސް ތަނަކަށް ކަމަށާއި އޭގެ އިތުރުން ދެން އުޅޭނީ ކޮންމެވެސް މަސައްކަތެއްގައި ކަމަށް ވެސް ރިޝްމީ ބުންޏެވެ.

"މިފުރުސަތުގަ ފޭނުންނަށް ބުނެލަން ބޭނުމީ، ބަސް އަހައިގެން ގޭގަ ތިބެއްޗޭ ރައްކާތެރިވެގެން. ލޮކްޑައުން މިސާލަކަށް އުވާލިޔަސް، ލޮކްޑައުން އެޅުވުނީ ވައިރަސްގައެއް ނޫނޭ. އެހެންވީމަ ލޮކްޑައުން އުވާލިޔަސް ގޭގައި ތިބެއްޗޭ ކޮވިޑްގެ ހާލަތު ރަނގަޅު ވަންދެން" ނިންމާލަމުން ރިޝްމީ ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!