މުނިފޫހިފިލުވުން

ޖިނާ އަށް ޒޫނާ ފެނުނު "ކޭކޭބީ" މިހާރު 19000 އަށްވުރެ ގިނަ މީހުން ބަލައިފި!

ދެން އެމްވީ ، ދެން އޮންލައިން

ނުވަ ދިހައިގެ އަހަރުތަކުގައި ސުޕަރހިޓް އެއް ފިލްމު ކަމުގައިވާ "ފަތިސްހަނދުވަރު" އިން ފެނިގެންދިޔަ ޖިންނި ޖިނާ އާއި ޒޫނާ (ރީކޯ މޫސަ އާއި ނިއުމާ) ގެ ޖޯޑަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ޖޯޑެކެވެ.

Ads by Sosun Fihaara

މިފަހަރު މިއުޅެނީ ފަތިސްހަނދުވަރުގެ ވާހަކަ ދައްކާކަށް ނޫނެވެ. ނަމަވެސް އަޙްމަދު އަޒްމީލު (އަޒޭ) އިސްނަގައިގެން އުފެއްދި ކުރު ފިލްމު "ކުޑަ ކުޑަ ބާރު" (ކޭކޭބީ) އިން ޖިނާ މިވަނީ ޒޫނާ ހޯދާފައެވެ.

މިމަހުގެ 22 ވީ ހުކުރު ދުވަހު ނެރުނު "ކޭކޭބީ" އަށް މިވީ ތިން ދުވަސް ތެރޭގައި ހޫނު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ވަނީ ލިބިފައެވެ. އެގޮތުން މިހާރުވެސް 19000 އަށްވުރެ ގިނަ މީހުން މިކުރު ފިލްމު ބަލާފައިވެއެވެ.

ފިލްމާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން އަޒޭ ބުނީ ކޭކޭބީ އުފައްދާ ހުރިހާ މަސައްކަތެއް ކޮށް ނިމުނީ ހަފްތާއެއްހާ ދުވަސް ތެރޭގައި ކަމަށެވެ.

"މިއީ ވެސް ކޮވިޑް އަށް ހޭލުންތެރި ކުރުމުގެ ގޮތުން އުފެއްދި ކުރު ފިލްމެއް. މަޤްސަދަކީ ފަންނާނުންގެ ފަރާތުން ވެސް މިކަމަށް މީހުން އިތުރަށް ހޭލުންތެރި ކުރުވުން" ފިލްމުގެ މަޤްސަދަކީ މުހިންމު މެސެޖެއް ދިނުން ކަމުގައި ބުނަމުން އަޒޭ ބުންޏެވެ.
ކުރިންވެސް ބުނި ފަދައިން ކޭކޭބީ ފިލްމުގައި ޖިނާ އަށް ޒޫނާ ފެނެއެވެ. ނަމަވެސް އެއީ އެންމެ ފަހުންނެވެ. މިފިލްމުން ދައްކުވައިދެނީ އެންމެންވެސް "ޒޫނާ" ގެއަށް ނައިސްގެން، ދިޔަ ތަނެއް ނޭނގިގެން ހޯދާ މަންޒަރެވެ. އަދި މިފަދަ ނުރައްކާތެރި ދުވަސްކޮޅެއްގައި ވެސް ޒޫނާ ބޭރަށް ދިޔުމުން އެކަމުގެ ކަންބޮޑުވުންތަކެވެ.

ފިލްމު އުފެއްދުމުގައި ދިމާވި ދަތިކަމާއި ބެހޭގޮތުން އަޒޭ ބުނީ ހަމައެކަނި ދިމާވި އުނދަގުލަކީ އެކަކާއިވެސް ދިމާނުވެ އެކި މީހުން އެކި ހިސާބުގަ ތިބެގެން، އެކަކުގެ އެކްޓާއި ގުޅޭގޮތަށް ޝޫޓް ކުރުން ކަމަށެވެ.

"އެކަކު އަނެކަކާއި ދިމާނުވެ، އެމީހެއްގެ ފޯނުން ހަމަ އެހުރީ ވީޑިއޯ ކޮށްފަ. ހަމައެކަނި ދިމާވި ދަތިކަމަކީ އެއީ. ދިމާނުވެ ގުޅޭގޮތަށް ޝޫޓް ކުރުން.. އެކަމަކު އެންމެންނަށް ވެސް ސްކްރިޕްޓް ފޮނުވިން އެހެންވީމަ އަނެއްމީހާ ކިޔާ ޑަޔަލޮގްތައްވެސް އިނގޭނެ. ޓްރޭސްކުރަން ފަސޭހަވާނެ ގޮތަށް ފޮނުވީ. ހުރިހާ ފަންނާނުންވެސް ވަރަށް ފުރިހަމައަށް ވީޑިއޯ ކޮށްފަ މައިލް ކޮށްދިން. އެންމެންވެސް ވަރަށް ކޮށްދޭ ހިތުން މިކަން ކޮށްދިނީ. އެންމެންނަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް" އަޒޭ ބުންޏެވެ.

ފަތުޙުﷲ ޝަކީލް ބެކް މިޔުޒިކް ހަދާދީފައިވާ "ކޭކޭބީ" ގައި ހަރަކާތްތެރިވެފައިވަނީ ރީކޯ މޫސަ، ނިއުމާ، އަފީ، އަޒޭ، އައިމިނަތު ރަޝީދާ، ރިޝްމީ، ރަވީ، ޒެއްލު، ޖުމާ، ޝަރާ، ހަސަންމަނިކު، އާރިފާ، ސައީދު އަދި އާރިފާ އުޅެއެވެ.

"މީގެ ތެރެއިން ރީކޯ މޫސަ، ނިއުމާ އަދި އަފީ އަކީ މިހާރު ކެމެރާއާއި ދުރަށް ގޮސްފައިވާ މީހުން. އެހެންވީމަ އެމީހުންނަށް ވަރަށް ޚާއްސަ ޝުކުރެއް ރައްދު ކުރަން. މީގެއިތުރުން އަޅުގަނޑު އެޑިޓް ކޮށްފަ ދޮނުވީމަ އިޤްބާލް މީގެ ކުލަ ހަދާ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްދިނީ. އެހެންވީމަ އިޤްބާލަށް ވެސް ޚާއްސަ ޝުކުރެއް. އަދި ސައީދު މިފިލްމު ޕްރޮމޯޓް ކޮށްދިނުމަށް އެހީތެރިވެދިން. ސައީދު އަށްވެސް ޚާއްސަ ޝުކުރެއް އަދާކުރަން" މިފިލްމުގެ ކާމިޔާބީގެ ފަހަތުގައި ތިބި މީހުން ފާހަގަކޮށް ޝުކުރު އަދާ ކުރަމުން އަޒޭ ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!