ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ފުރުސަތު ޔާމީނަށް ނުދިނުމަކީ އިންސާފެއް ނޫން: ޝިޔާމް
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމަށް ކަފާލާތުގެ ދަށުން މިނިވަންވުމުގެ ފުރުސަތު ނުދިނުމަކީ އެމަނިކުފާނަށް އިންސާފު ނުލިބުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބް ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު މެދުވެރިކުރައްވާ ރައީސް ޔާމީން ފަރާތްޕުޅުން ވަނީ މެސެޖެއް ފޯރު ކޮށްދެއްވައިފަ އެވެ. އެ ޓްވީޓުގައި ޖަމީލު ވިދާޅުވީ ކަފާތަލުގެ ފުރުސަތު ލަސްވާތީ ޔާމީން ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ނިޒާމުގައި ކަފާލާތުގެ ދަށުން ކުށްވެރިއަކު ދޫކޮށްލެވޭނެ އުސޫލެއް ކަނޑައަޅާފައި ނެތް ކަމަށް ގާނޫނީ ވަކީލު އަދި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ވިދާޅުވެފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީންގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ފުރުސަތު ނުދިނުމަކީ ރައީސް ޔާމީނަށް އިންސާފު ނުލިބުން ކަމަށެވެ. އެހެން ކަމުން އެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.
ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ނުކޮށް އުޅެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގާތްވެފައި އޮތުމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރު އައިފަހުން ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ޔާމީން ބަންދުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.