ޚަބަރު

ތަޅުމުގައި ޖަލްސާ ބާއްވަން ލޮކްޑައުން ނިމެންދެން މަޑުކުރެވޭކަށް ނެތް: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ކުރިން މަޖިލީހަށް މެންބަރުން ހާޒިރުކޮށްގެން ޖަލްސާއެއް ބާއްވަން ޖެހިވަޑައިގަންނަވާތީ މަޑުކުރެވެން ނެތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރަށް ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

Ads by STELCO

ކޮވިޑް އާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް މީގެކުރިން ބާއްވަމުން ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބެލިއިރު، ގިނަ މެމްބަރުންނަށް ފެންނަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ކަމަށެވެ. އަދި ތަޅުމުގައި ޖަލްސާތައް ބާއްވާނެ ގޮތުގެ ގައިޑްލައިނެއް ވެސް މަޖިލީހުގެ އިދާރާ އިން ނެރޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެޗްޕީއޭ އިން މިކަން ކުރާން އޮތީ 28 ގައި. އަޅުގަނޑުމެންނަށް މަޑުކުރަން ދަތި ވާހަކަ މައިމޫނާއަށް ވާނީ ދަންނަވާފައި. ދެން ގައިޑްލައިންސްއާ އެއްގޮތަށް ގެންދާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މާދަމާ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވަން ބައެއް މެންބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. އެ މެންބަރުން ވިދާޅުވަނީ ކޮވިޑް-19 އާ ގުޅިގެން މިހާރު މިއޮތް ހާލަތުގައި ގޭގައި ތިއްބަވައިގެން މަޖިލީހުގެ ބަހުސް ކުރިއަށް ގެންގޮސް ވޯޓު ދެވޭ އިރު ކޮންމެހެން މަޖިލީހަށް ހާޒިރު ވުން ރަނގަޅުނޫން ކަމަށެވެ.

މާދަމާ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ ހާޒިރުގައި ޖަލްސާ ބޭއްވުމަށް ނިންމާފައިވާ އިރު، ޖަލްސާއެއްގައި ތިއްބަވާނީ ގިނަވެގެން 42 މެންބަރުން ކަމަށް ރައްޔިތުން މަޖިލީހުގެ ިއދާރާއިން ބުނެއެވެ. އަދި މެންބަރުން ތިއްބަވާނީ އެޗްޕީއޭއިން އަންގަވާފައިވާ ދުރުމިނުގައި ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ މަޖިލިސް ކުރާ ގޭގައި ބާއްވާ ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފައެވެ.

އެގޮތުން ޖަލްސާ ކުރާ މާލަމުގައި އެއް ވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން ކަމަށާއި، މެމްބަރުން އިށީނދެވަޑައިގެން ތިއްބަވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެކަށައަޅައި އަންގާފައިވާ ދުރުމިނުގައި އަދި އެއް ވަގުތެއްގައި އެއް މޭޒެއްގައި ދެ މެމްބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް މަޖިލީހުން ބުނެއެވެ.

އަދި ވަކި އިންތިޒާމެއްގެ ދަށުން މެމްބަރުން ވަދެވަޑައިގެން ވޯޓުލުމުގަައި ބައިވެރިވެވަޑައިގަތުމަށް ފަހު މާލަމުން ނުކުމެވަޑައިގަތުމުން ބާކީ ތިއްބެވި މެމްބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން މަޖިލިސް ކުރާ ގޭގެ މާލަމުގައި ތިބޭނީ ޖަލްސާއެއް ކުރިއަށް ގެންދަން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި ޖަލްސާތައް ކުރިއަށްދާއިރު، މެމްބަރުންނާއި މުވައްޒަފުން ތިބޭނީ މާސްކް އަޅައިގެން ކަމަށްވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!