ޚަބަރު

ދަ ވޯލްޑް ލަގްޒަރީ އެވޯޑްގެ 21 އެވޯޑެއް ރާއްޖެއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހޮޓާތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެއްކަމަށްވާ، ދަ ވޯލްޑް ލަގްޒަރީ އެވޯޑްސްގައި ރާއްޖެއަށް ގިނަ އެވޯޑްތަކެއް ލިބިއްޖެއެވެ.

Ads by Sosun Fihaara

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ގައުމުތަކަކާ ވާދަކޮށް ރާއްޖެއަށް ވަނީ ދަ ވޯލްޑް ލަގްޒަރީ އެވޯޑްގެ 21 އެވޯޑެއް ލިބިފައެވެ. ރާއްޖެއަށް ލިބުނު އެވޯޑް ތަކުގެ ތެރޭގައި ސަރަހައްދީ ގޮތުން ލިބުނު 4 އެވޯޑަކާއި އޭޝިއާ ބައްރުގެ ސަރަހައްދީ ގޮތުން ލިބުނު 9 އެވޯޑަކާއި ދުނިޔޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ވާދަކޮށްގެން ލިބުނު 5 އެވޯޑެއް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ތަންތަނުން ވާދަކުރާ 3 އެވޯޑެއް ވެސް ހިމެނެއެވެ.

ގައުމުތަކުގެ މެދުގައި ވާދަކޮށް ލިބުނު އެވޯޑްތަކުގެ ތެރޭގައި ލަގްޒަރީ ވޯޓަރ ވިލާ ރިޒޯޓް، ލަގްޒަރީ އޯލް އިންކްލޫސިވް ރިޓްރީޓް، ލަގްޒަރީ ބްރޭންޑް ގެ އިތުރުން ލަގްޒަރީ ޕްރައިވެޓް ބީޗް ރިޒޯޓް ހިމެނެއެވެ.

ދަ ވޯލްޑް ލަގްޒަރީ އެވޯޑަކީ 2006 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑްގެ އެންމެ ފުރަތަމަ ހަފްލާ ބާއްވާފައި ވަނީ 2007 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް މި އެވޯޑް ހަފްލާ ބާއްވަމުން އަންނައިރު، ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ އެކި ފަރާތްތަކަށް ގިނަ އެވޯޑްތަކެއް އަންނަނީ ލިބެމުންނެވެ.

މީގެ އިތުރުން މިއަހަރު ރާއްޖެވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ނޮމިނޭޓް ވެފައެވެ. 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓް ވެފައިވާއިރު ވޯލްޑް ކެޓަގަރީގެ ތިން ކެޓަގަރީއެއްގައި ރާއްޖޭގެ ތިން ރިސޯޓެއް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ތަންތަނާ ވަނީ ވާދަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!