ޚަބަރު

ފުރަތަމަ ނިޔާވި މީހާގެ ސާމްޕަލް ނެގުމާއި ނަތީޖާ ލިބުން ލަސްވި: ޑރ. ނަޒްލާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް ޖެހިގެން ފުރަތަމަ ނިޔާވި މީހާގެ ސާމްޕަލް ނެގުމާއި ނަތީޖާ ލިބުން ލަސްވި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮވިޑް ޖެހިގެން ރާއްޖެއިން ފުރަތަމަ ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ އައިމިނަތު އަލީ އެވެ. އެއީ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ) ގެ އަނބިކަނބަލުންނެވެ.

އައިމިނަތު އަކީ ކޮވިޑް ޖެހުނު މީހެއްގެ ފަސްޓް ކޮންޓެކްޓަށް ވުމުން ޓެސްޓް ހަދަން އޭނާގެ ސާމްޕަލް ނަގާފައިވާ މީހެކެވެ. އޭނާ ނިޔާވީ އެ ބައްޔަށް ޝައްކުވެގެން ސާމްޕަލް ނަގާފައި ވަނިކޮށެވެ. މީގެ އިތުރުން، އެ މީހާ ދިރިއުޅުނު ގެވެސް ހުރީ ކަރަންޓީނުގައިކަން ވެސް އެނގިފައިވެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހެލްތު މިނިސްޓްރީގެ ކޮލެޓީ އިމްޕްރޫވްމެންޓް ޑިވިޝަނުން އަބަދުވެސް ބަލަމުންދާ ކަމަށެވެ. އަދި ކޮވިޑް ބަލީގައި ފުރަތަމަ މަރުވި މީހާގެ މައްސަލަ ބެލުމަށް ފަހު އެކަމުގައި ފާހަަގަ ކުރެވޭ ކަންކަން އެ ޑިވިޝަނުން އަންގާފައިވާ ކަމަށާއި އެގޮތުން އެ ކޭހުގައި ހުރި ބައެއް ލަސްވުންތަކާއި އަދި އެ ކޭހާ ގުޅިގެން މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ކަންކަން އަންގާފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ފުރަތަމަ މަރުގެ ކޭސް ބެލި ބެލުމުގައި ބައެއް ކަންތައްތައް ލަސްވެފައިވާ ކަމަށް އެ ޑިވިޝަނަށް ފާހަގަވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެގޮތުން ސާމްޕަލް ނެގުމާއި، ހާއްސަކޮށް ސާމްޕަލްގެ ނަތީޖާ ލިބުމުގައި ލަސްވެފައިވާކަން ފާހަގަކުރެވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މި ކޭހުގައި އެއްވެސް އިދާރާއެއްގެ އަދި އިދާރާއެއްގެ މުވައްޒިފެއްގެ އިހުމާލެއް އެބައޮތް ކަމަށް ހެލްތު މިނިސްޓްރީގެ ކޮލެޓީ އިމްޕްރޫވްމަންޓް ޑިވިޝަންގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!