މަޖިލިސް މެމްބަރުން ހުއްޓުވަން ފުލުހުން ނުކުންނަން ޖެހޭނެ: ޖަމީލު
މާދަމާ މަޖިލިސް ތަޅުމުގައި ބާއްވާ ޖަލްސާއަށް ވަޑައިގަންނަވާ މެމްބަރުން ހުއްޓުވަން ފުލުހުން ނުކުންނަންޖެހޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މާދަމާއިން ފެށިގެން ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ދާނީ މަޖިލީހުގެ ތަޅުމުގައި ކަމަށެވެ.
މިކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ޖަލްސާ މަޖިލިސް ކުރާ ގޭގައި މާދަމާ ބާއްވަން އުޅެނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
"ދިވެހި ރައްޔިތުން ބަސްއަަހައިގެން ގޭގައި. މިސްކިތްތައްވެސް ބަންދު. ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން މި ފިޔަވަޅުތައް އަޅަމުންދާއިރު، މަޖިލިސް މެންބަރުން ހުއްޓުވަން ނުކުންނަންޖެހޭނެ." ޖަމީލު ވިދާޅުވިއެވެ.
މަޖިލިސް ޖަލްސާ މަޖިލިސް ކުރާ ގޭގައި މާދަމާ ބާއްވަން އުޅެނީ ޤާނޫނާ ޚިލާފަށް. ދިވެހި ރައްޔިތުން ބަސްއަަހައިގެން ގޭގައި. މިސްކިތްތައްވެސް ބަންދު. ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން މި ފިޔަވަޅުތައް އަޅަމުންދާއިރު، މަޖިލިސް މެންބަރުން ހުއްޓުވަން @PoliceMv ނުކުންނަންޖެހޭނެ https://t.co/NC6911DGws
— Mohamed Jameel Ahmed (@MJameelAhmed) May 25, 2020
ޖަމީލު މިހެން ވިދާޅުވެފައިވާއިރު، ބައެއް މެމްބަރުން އަންނަނީ މީސް މީޑިއާގައި މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގެ ޖަލްސާތައް މަޖިލިސްކުރަާ ގޭގައި ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.
އަދި ލޮކްޑައުން އުވާނުލަނީސް މާދަމާ ބާއްވަން މަޖިލީހުގެ ޗެމްބަރުގައި ބާއްވަން ތައްޔާރުވަމުންދާ ޖަލްސާ އަަށް ހާޒިރުވެވެން ނެތްކަން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައެވެ.
މި މަހުގެ 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުބޭއްވި އިތުރަށް މަޑު ކުރެވެން ނެތް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ ކަމަށާއި މާދަމާ ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ.