މަޖިލީހުގައި ޖަލްސާ ބޭއްވުމާމެދު ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޤާނޫނީ ވަކީލުންގެ ޚިޔާލު ތަފާތު!
މި ޙާލަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ބޭއްވުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވި ނަމަވެސް އެ ބަސްފުޅަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މި މައްސަލައިގައި މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނީ އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތުގައި ވެސް މަޖިލިސް ހިންގޭ ކަމަށާއި ވެބް ކޮންފަރެންސްކޮށް މަޖިލިސް ހިންގަން ފެށުމުގެ މާ ކުރިން ވެސް މި އުސޫލު ކަނޑައެޅިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ބޭނުންވުމުން ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ބޭއްވުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތުގަވެސް މަޖިލިސް ހިންގޭ.
ވެބް ކޮންފަރެންސްކޮށް މަޖިލިސް ހިންގަންފެށުމުގެ މާކުރިން މިއުސޫލު ކަނޑައެޅިފައިވޭ.
ރައްޔަތުންގެ މަޖިލީހުން ބޭނުންވީމަ، ޖަލްސާ މަޖިލިސް ކުރާ ގޭގަ ބޭއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް އޮތް ކަމަކަށް ނުދެކެން.
— Moosa Siraj (@MoosesSiraj) May 25, 2020
ކޮވިޑް19 އާއި ގުޅިގެން ވެބްކޮންފަރެންސްކޮށް ހިންގަމުން ދިޔަ ޖަލްސާތައް ހުއްޓާލާ މަޖިލިސްގެ އިދާރާގައި ޖަލްސާތައް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވާފައެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވާއިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުބޭއްވި އިތުރަށް މަޑު ކުރެވެން ނެތްކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް ނަޝީދު ވަނީ އަންގަވާފައެވެ. އަދި މާދަމާ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާ ބޭއްވުމަށް ވަނީ ނިންމަވާފައެވެ.