ޢުމުރުން ދުވަސްވީ ބަލިމީހަކު ކޮވިޑަށް ޝައްކުކޮށް ކަރަންޓީނުގައި ގެންގުޅޭތާ 19 ދުވަސް ، ދެފަހަރު ނެގެޓިވް ނަމަވެސް ދުލެއް ނުކުރި
ޢުމުރުން ދުވަސްވީ ބަލި މީހަކު ކޮވިޑަށް ޝައްކުކޮށް ، ދެފަހަރު ޓެސްޓް ކުރުމުން ވެސް ނެގެޓިވް ނަމަވެސް ކަރަންޓީނުގައި ގެންގުޅޭތީ އޭނާގެ ޢާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
''ދެން''އާއި ވާހަކަ ދައްކަމުން އޭނާގެ ދަރިފުޅު ބުނީ ބަނޑަށް ތަދުވާތީ ބައްޕަ ޑޮކްޓަރަށް ދެއްކުމަށް އޭޑިކޭއަށް ގެންދިޔައީ މިމަހުގެ ހަވަނަ ދުވަހުގައި ކަމަށާއި އެ ހޮސްޕިޓަލުން ޓެސްޓްތަކާއި ސްކޭންތައް ހެދުމަށްފަހު ، ކިޑްނީގައި ހިލަކޮޅެއް އުފެދިފައިވާތީ އެކަމުގެ ފަރުވާ ހޯދުމަށް އައިޖީއެމް ހޮސްޕިޓަލަށް ދިޔުމަށް އެންގިކަމަށެވެ.އަދި އައިޖީއެމް ހޮސްޕިޓަލަށް ދިޔުމުން ބައްޕަގެ ހުން ހުރުމާއެކު އައިސޮލޭޓް ކުރިކަމަށާއި ކޮވިޑަށް ކުރި ފުރަތަމަ ޓެސްޓުން ޕޮސިޓިވް ވުމާއެކު އިތުރު ޓެސްޓެއް ހަދަން ޑޮކްޓަރުން ގާތުގައި އޭނާ އެދުނު ކަމަށް ބުންޏެވެ.
''އައިޖީއެމްއެޗުން ގެންދިޔައީ ފަރުކޮޅު ފުއްޓަށް ، އަހަރެން އެދުނިން ދެވަނަ ޓެސްޓެއް ހަދަން ، އެއީ ބައްޕައަކީ ބޭރަށް ނިކުމެ އުޅޭ މީހަކަށް ނުވާތީ ، އަނެއްކޮޅުން އެ ދުވަހު ޓެސްޓްކުރި އެންމެން ވެސް ނެގެޓވް ، ދެން އެމީހުން ބުނީ 14 ދުވަސް ފަހުންނޭ ވާނީ ، ދެން ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން، ހައިރިސްކް ޕޭޝަންޓަކަށް ވާތީ އަނެއްކާ ގެނެސްފި އައިޖީއެމްއެޗަށް ، ދެވަނަ ޓެސްޓެއް ހަދަން ލަސްވާތީ އެޗްއާރުސީއެމަށް ގުޅިން ( ހިޔުމަން ރައިޓް ކޮމިޝަން) ދެން އެމީހުން ރިކްއެސްޓްކޮށްގެން ދެވަނަ ފަހަރަށް ޓެސްޓް ހެދީ ، ހެދިއިރު ނެގެޓިވް " އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ ބައްޕައަކީ ސްޓްރޯކެއް ވެސް ޖެހިފައިވާ މީހެއް ކަމަށާއި އަދި ހަކުރު ބައްޔާއި ލޭ މައްޗަށް ދާތީ ބޭނުން ކުރާ ބޭސް ޤަވާޢިދުން ބޭނުން ކުރަން ޖެހޭ މީހަކަށްވާތީ އެ ހިސާބުން ވެސް ގެއަށް ބަދަލު ކުރަން އެދުނު ކަމަށެވެ. ނަމަވެސް ނެގެޓިވް ވެގެން ގެއަށް ބަދަލުކޮށްދޭން އެދުމުން ވެސް އަނެއްކާ ވެސް އިތުރަށް ޔަގީން ކުރުމަށް ޓެސްޓް ކުރަން އެޗްޕީއޭއިން ބޭނުންވި ކަމަށެވެ.
''ތިންވަނަ ޓެސްޓުން ވެސް ނެގެޓިވް ، ނެގެޓިވް ވީމާ ބައްޕަ ގާތަށް ދޮންބެ ދިޔައީ ، ޑިސްޗާޖް ކުރާނަމޭ ކިޔާފައި އަނެއްކާ ދޮންބެއާއި ބައްޕަ ކަރަންޓީނު ކުރީ ، އެކަމަކު ބައްޕަގެ ކޮންޓެކްޓުންގެ ގޮތުގައި މަންމަ އާއި ދޮންބެ ވެސް ޓެސްޓްކުރިއިރު ނެގެޓިވް" އޭނާ ބުންޏެވެ.
އޭނާ ބުނީ ބައްޕަ އައިޖީއެމްއެޗުން ޓްރީޓޮޕުން އަދި ހުޅުލޭ އައިލެންޑް ހޮޓަލުން ފަރުކޮޅު ފުއްޓަށް ގެންގޮސް އެތައް ތެޅުވުމެއް ތަޅުވާ ބައްޕައާއި މެދު ކަންތައް ކުރި ގޮތާއި މެދު ހިތާމަ ކުރާ ކަމަށެވެ. އަދި މި މައްސަލައިގައި ފެށުނީއްސުރެ އެޗްއާރްސީއެމްއާއި މުޢާމަލާތް ކުރަމުން ގެންދާ ކަމަށާއި މިއަދު މިގޮތަށް ދިމާވުމުން ޤާނޫނީ ފިޔަވަޅު އަޅައިދޭނެ ކަމަށް އެޗްއާރްސީއެމުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.