ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އިދިކޮޅުން ތާއީދެއް ނުކުރަން: އަދުރޭ
ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތާއީދެއް ނުކުރާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު މަސައްކަތަކީ މި ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަކޮށްދިނުން ކަމަށާއި ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުން ކަމަށެވެ.
"ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ތާއީދުކުރަން ޕީޕީއެމް/ޕިއެންސީ އިން ނިންމާފައެއް ނޯންނާނެ." އަދުރޭ ވިދާޅުވިއެވެ.
Raajjeyge veri kamauge nizaam,barulamaanee nizaamakah furolhaalumah thaa’eedhu kuran PPM/PNC in ninmaafa’eh noannaane.alhugandumenge masahkathakee mi sarukaarun hadhaa goasthah rayyithunnah thila kohdhinun.RY minivan koh alun veri kamah gena’un.E’ee Gaumaa rayyithunge haggugai.
— Abdul Raheem Abdulla (@Banafsaa) May 26, 2020
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އާންމުންގެ ހިޔާލު ހޯދަން ދިއުން ރަނގަޅުކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މި ކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބަރުލަމާނީ ނިޒާމެއް ގެންނަން ތާއީދު ކުރީ ކަމަށް އަޑުފެތުރުނެވެ. އެ ގޮތަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ވެސް ކުރި އެވެ.
ނަމަވެސް އާދަމް ޝަރީފު މިއަދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރުމާ ގުޅޭ ގޮތުން މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ވިސްނުމާއި އަމާޒު ވެސް ހުންނެވީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ކަމަށެވެ.