"ރައީސް ޔާމީން މިނިވަން ކުރުމަށްޓައި ކުރަން ޖެހުނު ކޮންމެ ކަމެއް، ދާން ޖެހުނު ކޮންމެތާކަށް ދާނަން"
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުއްﷲ ޔާމީން ޖަލުން މިނިވަން ކުރުމަށްޓައި ކުރަން ޖެހުނު ކޮންމެ ކަމެއް، ދާން ޖެހުނު ކޮންމެތާކަށް ދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ އިދިކޮޅު މަސައްކަތަކީ މި ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަކޮށްދިނުން ކަމަށާއި ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓަކަށް ވާނީ ރައީސް ޔާމީން ކަމަށެވެ.
RY minivan kurumattakai kuran jehunu komme kameh kuraanan. Dhaan jehunu komme thanakah dhaanan. 2023 gai PPMPNC ge Riyaasee candidate akee RY, InshaaAllah. https://t.co/HVVDCXmgmh
— Adam Shareef Umar (@Adamshareefz) May 26, 2020
އާދަމް ޝަރީފް އިއްޔެ ވަނީ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އާންމުންގެ ހިޔާލު ހޯދަން ދިއުން ރަނގަޅުކަމަށް ވިދާޅުވެފައެވެ.
މި ކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބަރުލަމާނީ ނިޒާމެއް ގެންނަން ތާއީދު ކުރީ ކަމަށް އަޑުފެތުރުނެވެ. އެ ގޮތަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ވެސް ކުރި އެވެ.
ނަމަވެސް އާދަމް ޝަރީފު މިއަދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރުމާ ގުޅޭ ގޮތުން މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ވިސްނުމާއި އަމާޒު ވެސް ހުންނެވީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ކަމަށެވެ.