ޚަބަރު

މެމްބަރުންނަކީ ނިއު ނޯމަލްގައި ރައްޔިތުންނަށް މިސާލު ދައްކަވަން ތިބި ލީޑަރުން: ނަޝީދު

ކޮވިޑްގެ ފަހުން ރާއްޖެ ނިއު ނޯމަލްއަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އެހާލަތުގައި ރައްޔިތުންނަށް މިސާލު ދައްކަވަން ތިއްބެވި ބަޔަކީ މަޖިލިސް މެމްބަރުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާާޅުވެއްޖެ އެވެ.

މާލޭގައި ކޮވިޑް ފެތުރެން ފެށުމާއެކު މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސްކޮށް ކުރިއަށް ގެންދަން ފެށިއެވެ. ނަމަވެސް މިއަދު އަނެއްކާ ވެސް ވަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ބާއްވާފައެވެ. މީގެ ކުރިން ކައިރީގައި ތިއްބަވައި ބަހުސް ކުރައްވަމުން ގެންދެވި މެމްބަރުން މިއަދު ތިއްބެވީ ދުރުދުރުގަ އެވެ. ހުރިހާ މެމްބަރުން ވެސް މާސްކް އަޅުއްވައިގެން ތިއްބެވިއިރު ބައެއް މެމްބަރުން ތިއްބެވީ އަންގި ވެސް ލައްވައިގެންނެވެ. މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދިނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ޝަރުތުކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިފަދަ ބަލިމަޑުކަމުގެ ހާލަތެއްގައި ވެސް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގަންނަ ކަމަށެވެ.

"މަޖިލީހުގެ ތަޅުމަށް މެމްބަރުން އެއްވެގެން މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭނަމަ ގާނޫނުތަކަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރުމަށް އެތައް ދަތިތަކާ ކުރިމަތިވެގެން ދިޔައީސް. ރޯގާއާއެކު ނިއު ނޯމަލްގެ ހަމަތަކުގައި އުޅެން ޖެހިފައިވާއިރު ރައްޔިތުންނަށް މިސާލު ދައްކަވަން ތިއްބެވި އެންމެ މުހިއްމު އެއް ބަޔަކީ މަޖިލީހުގެ މެމްބަރުން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޮވިޑަށް ފަހު ރާއްޖެ އަލުން އަނބުރާ ހުޅުވިގެން ރޯގާއާ އެކު އުޅެން ޖެހޭނެ ޑޮކްޓަރުން ވެސް ބުނަމުން އެބަ އަންނަ ކަމަށާއި ރައްޔިތުންނަށް އެ މިސާލު ދައްކަން މި މަޖިލީހުގެ މެމްބަރުންނަށް ވުރެ ވަކި މުހިއްމު ބައެއް ނެތް ކަމަށެވެ.

"މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުން. ރައްޔިތުންގެ ފަރާތުން މި ތަނަށް ވަޑައިގަންނަވަނީ،" ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ގިނަ ބަޔަކު އެއްވެގެން ކުރާ ކަންކަން ކުރުން މަނާކޮށްފައި ވަނިކޮށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރެއްވީ ވެސް މުހިންމު ކަމަކަށެވެ. އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ގެނައުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!