އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވުމުން ކުރާ ޖޫރިމަނާ އެއްލައްކަ ރުފިޔާއާ ހަމައަށް ބޮޑުކޮށްފި
ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަޅާފައިވާ ރައްކާތެރިކަމުގެ އުސޫލުތަކާއި ފިޔަވަޅުތަކާ ޚިލާފުވާ ފަރާތްތަައް ޖޫރިމަނާ ކުރެވޭ އަދަދު ބޮޑުކޮށް އުސޫލެއް އެކުލަވާލައި އެ އުސޫލު އާންމު ކޮށްފިއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ އުސޫލުގައި ވާ ގޮތުން އާންމު ފަރުދެއް ނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގާނޫނީ ޝަހުސެއް ނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.
އާންމު ފަރުދެއް ނަމަ:
- އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާއިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާކުރުން
ގާނޫނީ ޝަހުސެއް ނަމަ
- އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިނަމާކުރުން
- އެންގުމާ ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާކުރުން
މީގެ ކުރިން އެންގުމާ ޚިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރާ އަދަދަކީ 1000 ރުފިޔާއެވެ.
ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ މީހާ، ކަރަންޓީނުގެ އަމުރާ ޙިލާފުވެއްޖެ ނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް ވެސް މި އުސޫލުގައި ބުނެފައިވެއެވެ. އަދި ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހާ އެކަން ސިއްރު ކޮށްފި ނަމަވެސް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގު ފަހި ކޮށްދޭ މީހާ ވެސް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާ ކުރުމުގެ އައު އުސޫލަށް އަމަލުކުރާނީ ކޮވިޑް-19އާ ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އަލަށް އެ ހާލަތު އިއުލާން ކުރުމަށްފަހު އެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް ކަމަށެވެ.
ހަމަ އެހެންމެ މި އުސޫލުގެ ދަށުން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި އެ ފިޔަވަޅުތައް ތަންފީޛު ކުރަމުން ގެންދާނީ މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކަމަށް ވެސް މި އުސޫލުގައި ބުނެފައިވެއެވެ.