އޯ ލެވެލް އިމްތިހާނު އަންނަ އަހަރުގެ މޭ/ޖޫން އަށް ބަދަލުކުރުމުން ދައުލަތަށް 1 ބިލިއަން ރުފިޔާގެ ގެއްލުންވާނެ!
މިއަހަރުގެ އޯ ލެވެލް އިމްތިހާނު އަންނަ އަހަރުގެ މޭ/ޖޫން އަށް ބަދަލުކުރުމުން ދައުލަތަށް 1 ބިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މިއަހަރުގެ އޮކްޓޯބަރު/ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރި ސާނަވީ ނިންމާ އިމްތިޙާނުތައް އަންނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަފައެވެ. އަދި މިބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު މިހާރު ނިންމާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ނިންމުމާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީނެއް ކަމަށްވާ އިސްމާއިލް ޝަފީއު ލިޔުއްވި ދިރާސާ ލިޔުމެއްގައިވާ ގޮތުން ތައުލީމު ފޯރުކޮށްދިނުމަށް މި އަހަރު މިހާތަނަށް ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ހޭދަކޮށްފައި ވަނިކޮށް ދިރާސީ އަހަރު 2021 ވަނަ އަހަރުގެ ޖޫން މަހުގައި ފައްޓާގޮތަށް ހަމަޖެއްސުމުން ދޭހަވަނީ މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަސް ގެއްލިގެން ދިޔައީ ކަމަށެވެ.
"ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެޑިއުކޭޝަން މިނިސްޓްރީން މި އަންނަ މައަހަރުގެ ޖޫންމަހުގައި ކިޔެވުން ފައްޓާގޮތަށް ބަދަލުކުރީ މ އަހަރުގެ ގްރޭޑް10 ގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު ޖޫން މަހަށް ފަސްކުރުމަށް ނިންމުމާ ގުޅިގެންނެވެ. މި މޫން އެހެން އެއްވެސް ސަބަބެއް ނެތެވެ." ލިޔުމުގައި ބުނެފައިވެއެވެ.
ލިޔުމުގައިވާ ގޮތުން ނަމަ، މި އަހަރުގެ މިހާތަނަށް ތައުލީމަށް ހަރަދު ކުރެވުނު ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ގެއްލިގެން ދިޔައީއެވެ.
ޝަފީއުގެ ލިޔުމުގައި ވަނީ ބައެއް ސްކޫލުތަކުން ގްރޭޑް10ގެ ދަރިވަރުންގެ ސިލަބަސްގެ ބޮޑު ބައެއް މިހާރު ވެސް ނިމިފައިވާ ކަމަށާއި އެހެންކަމުން މި އަހަރުގެ އޯލެވެލް އިމްތިހާނު އަންނަ އަހަރަށް ފަސް ކުރުމަކީ ކުރުން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ.
"އެޑިކޭޝަން މިނިސްޓްރީގެ އިސް ބޭފުޅެއްގެ އަރިހުން މެއި/ ޖޫން އަށް ވުރެ އަވަހަށް އިމްތިހާނު ބޭއްވޭތޯ މަސައްކަތެއް ކޮށްފައިވާނެތޯ އެހީމެވެ. ޖަވާބުގައި ވިދާޅުވީ އެކަށިގެންވާ މަސައްކަތެއް ކުރެވުނުކަމަށް ގަބޫލުނުކުރާ ވަހަކައެވެ." ލިޔުމުގައި ވެއެވެ.
އެ ލިޔުން ނިންމާލަމުން ބުނެފައި ވަނީ މިފަދަ ބޮޑު ނިންމުމެއް އުލާނުކުރިއިރު އާންމު ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި މިފަދަ ނިންމުމަކަށް ކޮންމެހެން ބޭނުންވާ ޑިމޮކްރަޓިކް އުސޫލުތަކާއި ކަމާގުޅޭ ނިންމުންތައް ނިންމެވުމުގައި ބައިވެރިކުރަން ޖެހޭ މުދައްރިސުންގެ އިތުރުން ބެލެނިވެރިންގެ ފަރާތުންވެސް އެކަށީގެންވާ ބައިވެރިވުމަކަށް ޖާގަ ފަހިކޮށްދެވިފައި ނެތް ކަމަށް ޝަފީއުގެ ލޔުމުގައި ވެއެވެ.