ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދެއްވި ތަރައްޤީ އާއި އުއްމީދުތަކެއް މިސަރުކާރަކުން ނުފެނޭ: އެމްޕީ ޙުސެއިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ދިން އުއްމީދުތަކާއި ގެނެސްދެއްވި ތަރައްގީ މިސަރުކާރުން ނުފެންނަ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ހުސައިން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދެއްވި އުންމީދުތަކާއި ގެނެސްދެއްވި ތަރައްގީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުފެންނަ ކަމަށާއި އެކަމުގެ ސަބަބުން މިއަދު ރައްޔިތުން ސަރުކާރު ޖަވާބުދާރީ ކުރުވަން ބޭނުންވާ ކަމަށެވެ. އެފުރުސަތު ރައްޔިތުންނަށް ލިބިގެން ދާނެ ދުވަހަކަށް ރައްޔިތުން ތިބީ އިންތިޒާރުގައި ކަމަށް ވެސް އެމްޕީ ހުސައިން ވިދާޅުވިއެވެ.
މީގެއިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ވިދާޅުވީ ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުން ގާތުގައި ވެވަޑައިގެންނެވި ވައުދުތައް މަތިން އެއްވެސް ރައްޔިތަކުން ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ކޮވިޑް19 ގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ދަތިތަކެއް ކުރިމަތިވި ކަމަށާއި ރައްޔިތުންނަށް މާލީ ގޮތުން އެތަކެއް ގެއްލުންތަކެއް ކުރިމަތިވި ކަމަށެވެ. އެވާހަކަތައް މިއަދު ގަބޫލު ކުރަން ޖެހޭ ކަމަށާއި މިކަމުގެ ހަގީގީ ނުރައްކާތެރިކަން ފެނިގެން ދާނީ ލޮކްޑައުން ނިމިގެން ރައްޔިތުންގެ އާއްމު ހާލަތަށް ރުޖޫއުވާ ހިސާބުން ކަމަށް ވެސް އެމްޕީ ހުސައިންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.