ޚަބަރު

ދެވަނަ ޓާމާއެކު އިތުރު ހަރަކާތްތަކަށް ފުރުސަތު ލިބޭނެ: އެޑިއުކޭޝަން މިނިސްޓްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރު ކުރިއަށް ގެންދާ މިއަހަރުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށުމާއެކު ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އަންނަ އަހަރު ފަށާ މިއަހަރުގެ ދެވަނަ ސެމިސްޓާއާއެކު ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ސްކޫލުތަކަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމާ ބެހޭ ތަފްސީލު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ، އަންނަ އަހަރު އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބުނު ނަމަވެސް އާންމު ހާލަތުގައި އެ ހަރަކާތްތައް ކުރިއަށްގެންދާ އުސޫލުން އެކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ކުރިއަށް ގެންދެވޭނެ ހަރަކާތްތަކުގެ ތަފްސީލު ވެސް ސްކޫލުތަކަށް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދެވަނަ ޓާމުގެ ކިޔެވުމަށް ސްކޫލުތައް ހުޅުވުމުގެ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓްރީން ވަމުން އަންނަ އިރު، ދެވަނަ ޓާމުގައި ސްކޫލުތަކުގެ ކިޔެވުން ހަފުތާއަކު ފަސް ދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފައެވެ.

ކޮވިޑް 19އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމަށްފަހު އަލުން ބައެއް ގްރޭޑްތަކުގެ ކިޔެވުން ފަށާފައިވާ އިރު، އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!