އެމްޑީޕީ ދަފުތަރުގައި އިދިކޮޅު މެންބަރުންގެ ނަން!
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލްގެ އިތުރުން މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފާ އެކު ބައެއް އެހެން ޕާޓީތަކުގެ މެމްބަރުންތަކެއްގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށް ބުނެ ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.
ހަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ނަން އެމްޑީޕީގެ ދަފްތަރުގައި އޮތް ކަމަށާއި އެއިން އެނގެނީ އެމްޑީޕީން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާ ބޭސް ނަގައި އެ ބޭނުން ކުރަމުން ދިއުން ކަމަށެވެ.
އިދިކޮޅުގައި ހަރަކާތްތެރިވަމުން އަންނަ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު ވަނީ އޭނާގެ ނަން އެމްޑީޕީ ދަފްތަރުގައި އިންް ފޮޓޯއެއް ވެސް ޓުވީޓް ކުރައްވައިފަ އެވެ. އަދި ވިދާޅުވީ މީހެއްގެ ޒާތީ މައުލޫމާތުތައް ބޭނުން ކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި އެފަދަ ނާތަހުޒީބު ކަންކަމުގައި އަމިއްލައަށް ސިޓީ ފޮނުވައިގެން ދަފުތަރުން ކެނޑެން ސިޓީލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މުފީދުގެ އިތުރު ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފުގެ ނަން ވެސް އެމްޑީޕީ ދަފްތަރުގައި ވަނީ ހިމަނައިފަ އެވެ. އަދި ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު އަބްދުﷲ ރިޔާޒްގެ ނަން ވެސް އޮއްވާ ނަން އުނި ކުރުމަށް އެދިވަޑައިގަތުމުން ވަނީ އޭނާގެ ނަން ނަގައިފަ އެވެ.
އެ މައްސަލާގައި އެމްޑީޕީއަށް ފާޑު ކިޔުން އަމާޒުވެފައިވާ އިރު އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ވިދާޅުވީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ޕާޓީގެ ދަފްތަރަށް އަރާނީ އެ މީހާގެ ވަނަވަރާ އެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުމުން ކަމަށެވެ. ގިނަ ފަހަރަށް، ޕާޓީ އަށް ލިބެނީ އެއްފަހަރާ ވަރަށް ގިނަ އަދަދެއްގެ ފޯމު ކަން ފާހަގަކުރައްވައި ވިދާޅުވީ ފޯމު ހުށަހަޅާ އެންމެންނަށް ވަކިވަކިން ގުޅުމަކީ ޕާޓީއަށް ކުރެވޭ ކަމަކަށް ނުވި ނަމަވެސް އަބަދުވެސް ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭ ކަމަށެވެ.