މިއީ ފިރިހެނުން ކުރަން ލަދުގަންނަންވީ ކަމެއް ނޫން، ރަނގަޅު އާމްދަނީއެއް ލިބޭ ރަނގަޅު މަސައްކަތެއް: އަގީލް
އާއްމުކޮށް ކެއްކުމާއި، ނުބަތަ އެއާއި ގުޅޭ މަސައްކަތެއްގައި ވެސް، އުޅޭތަން ފެންނަނީ އަންހެނުންނެވެ. ފިރިހެނަކަށް އޭގެން މަސައްކަތެއް ކުރަން އެނގުނަސް އެކަން ކުރަނީ ގޭގައި ވަރަށް ސިއްރުންނެވެ. ފާޅުގައި އެފަދަ މަސައްކަތް ކުރާ މީހުންނާއި ދިމާލަށް އެތައް ބަޔަކު އެއްޗެހިކިޔާ ފާޑުކިޔާ "ރަނޑު" މިނަންވެސް ދީފައިވެއެވެ.
ނަމަވެސް ހދ. މަކުނުދޫ/ ލޮނުވެލި މުޙައްމަދު އަގީލް (24އ.) ގެ ވާހަކަ މުޅިން ތަފާތެވެ. މަންޓާ އެއާރ ގެ ކެބިން ކްރޫ އެއްގެ ވަޒީފާ އަދާކުރާ އަގީލް އަކީ 2011 ވަނަ އަހަރުން ފެށިގެން ވަރަށް މީރު އަދި ބަލާލަން އެހާމެ ރީތި ކޭކުއަޅާ ހުނަރުވެރިއެކެވެ.
މިމަސައްކަތް ފެށުނުގޮތް "ދެން" އާއި ހިއްސާ ކުރަމުން އަގީލް ބުނީ ކޭކު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީވެސް އެއްވެސް ކޯހެއް ނުހަދާ، މީހަކު ކުރަމުންދިޔަ މަސައްކަތެއް އަމިއްލައަށް ބަލައިގެން ކަމަށެވެ.
"މިމަސައްކަތް ފެއްޓީ 2011 ގައި. އެއަހަރު 2 ނޮވެމްބަރ ގައި ކްލާސް ކުއްޖެއްގެ އުފަންދުވަހަށް ކްލާސް ކުދިންވެގެން ކޭކް އެޅިއިރު އަޅުގަނޑު ކޭކު އަޅާދިނީ. ދަސްވި ގޮތަކީ އެއިރު އަޅުގަނޑުމެން ގެއާއި ޖެހިގެން ހުންނަ ގޭގައި އުޅޭނެ ކޭކު އަޅާ މީހެއް. ވަރަށް ގިނައިން ދަން އޭނަ ކޭކު އަޅާތަން ބަލަން. އާއްމުކޮށް ޓީޗަރުންގެ ދުވަހާއި ދިމާކޮށް ވަރަށް ގިނަ އޯޑަރުތަށް އޭނަ ނަގާނެ. ދެން އޭނަ ކޭކު އަޅާއިރުގަ ބަލަން ހުރެހުރެ ބޮޑަށް ޝައުޤުވެރިވެ ދަސްވީވެސް. ކްލާސް ކުއްޖާގެ އުފަންދުވަހަށް ކޭކު އެޅީވެސް އެއަވަށްޓެރިޔާ އަތުން ޓޫލްސް ހޯދައިގެން." އެމަސައްކަތް ފެށުނު ގޮތް ކިޔައިދެމުން އަގީލް ބުންޏެވެ.
އެއީ އަގީލްގެ އޯލެވެލް އިމްތިހާނުވެސް އޮތް އަހަރު ކަމަށްވުމުން، އިމްތިހާނު ނިންމާލިގޮތަށް އޭނާ މަސައްކަތް ކުރަން ފެށީ ފިހާރައެއްގައެވެ. ކުރިން ކޭކު އަޅަން ހޯދި ޓޫލްސްތަށް ވެސް އޭނާގެ އަތުގައި ހުރުމުން، ފަހުން އަވަށްޓެރިޔާގޭ މީހުން ވެސް ކޭކު އަޅައިދޭން ބުނި ކަމަށާއި ފިހާރާގައި އިނދެގެން ކޭކުގައި އައިސިންގ ޖެހި ކަމަށް ވެސް އަގީލު ބުންޏެވެ. އެމަސައްކަތް އެހެން މީހުންނަށް ފެނިގެން އަގީލްއަށް ކޭކު އޯޑަރުތަށް ލިބެން ފެށުމުން ދެން އަމިއްލައަށް ޓޫލްސް ގަނެގެން އެމަސައްކަތް ފެށި ކަމަށް ވެސް އޭނާ ބުންޏެވެ.
އެއްވެސް ކޯހެއް ނުހަދާ އަގީލް އަމިއްލައަށް މިމަސައްކަތް ފެށުމަށްފަހު، މިހާރު އޭނާ އަންނަނީ ގިނަ ކޭކު އޯޑަރުތަށް ނަގާ ހަތަރު ރަށެއްގައި ކޭކު އެޅުމުގެ ކޯސް ވެސް ހިންގާފައެވެ.
"ކޯސް ހިންގަން. މާލެއަކު އަކަމަކު އަދި ނުހިންގަން. ރަށްރަށުގަ، ޗުއްޓީތަކުގަ ކޯސް ހިންގިން. އެގޮތުން މިހާރު އިންނާނީ ހަތަރު ރަށެއްގައި ކޯސް ހިންގިފަ. އެއީ ހއ. ދިއްދޫ، ހދ. ނޭކުރެންދޫ، ބ. ދަރަވަންދޫ އަދި ހދ. މަކުނުދޫ ގަ" އަގީލް ބުންޏެވެ.
ހުރިހާ ވައްތަރެއްގެ ކޭކުވެސް އަޅަން ދަންނަ އަގީލް ބުނިގޮތުގައި އޭނާއަށް އެންމެ އުނދަގުލީ ޗީޒްކޭކު އަޅާށެވެ. އޭނާ މިހާތަނަށް ކުރި މަސައްކަތަށް ބަލާފަ އެންމެ ފަޚުރުވެރިވަނީ މަންތާ އެއާރ ގެ އެނިވާސަރީއަށް އަޅާދިން ކޭކާއިމެދު ކަމަށް ވެސް އަގީލް ބުންޏެވެ.
އަގީލް އަކީ ފަންޑްރެއިސިންގ އިވެންޓުތަކަށް ވެސް ކޭކު އަޅާދޭ ހުނަރުވެރިއެކެވެ. އެމަސައްކަތް އޭނާ ކުރަނީ ރާއްޖޭގެ ނަން މަޝްހޫރު އެންޖީއޯ އެއް ކަމަށްވާ ކޭކް ޑޮނާސް އާއި ގުޅިގެންނެވެ.
"ފަންޑް ރެއިސިންގ އިވެންޓުތަކަށް ޑޮނޭޓް ކުރަން ކަޕްކޭކްސް. މިދާއިރާގަ އަސްލު ބޮޑަށް ފުޅާވެވުވީ ކޭކް ޑޮނާސް އާއި ދިމާވިފަހުން. އެއީ ސިއްޙީ އެކިއެކި މައްސަލަތަކުގަ އެހީނުލިބިފަ ތިބި މީހުންނަށް ފަންޑްރެއިސް ކޮށްދޭން ހިންގާ އެންޖީއޯ އެއް. އެމީހުންނާއި ދިމާވީ 2015 ގަ. އޭގައި އުޅޭ މީހުންނާއި ދިމާވިފަހުން އެމީހުން ބޮޑަށް ކޭކު އެޅުމުގެ ޓެކްނިކްތަކާއި އެއްޗެހިވެސް ދަސްކޮށްދިނީ" އަގީލް ބުންޏެވެ.
މިފަދަ މަސައްކަތެއް ފިރިހެނަކު ކުރާތީ މީހުންގެ ފަރާތުން ލިބޭ ކޮމެންޓަށް ބަލާއިރު އަގީލް ބުނީ އަދި މިހާތަނަށް އެއްވެސް ނެގަޓިވް ކޮމެންޓެއް ނުލިބޭ ކަމަށެވެ. މިފަދަ މަސައްކަތުގައި އުޅޭ އެހެން ފިރިހެނުންނަށް އަގީލް ދޭންބޭނުންވާ މެސެޖަކީ "މިއީ ލަދުވެތިކަމެއް ނޫން ކަމަށާއި މިއީ ފައިދާހުރި ރަނގަޅު ވިޔަފާރިއެއް" ކަމަށެވެ.
މިދުވަސްކޮޅު ކޮވިޑްގެ ހާލަތާއި ދިމާކޮށް ވަޒީފާއަަށް ނިކުތުން މަޑު ޖައްސާލާފައިވީ ނަމަވެސް، އަގީލް ގެންދަނީ ގޭގަައި ކޭކު އަޅަމުންނެވެ. އަގީލް ބުނިގޮތުގައި ކަސްޓަމަރުންނަށް ކޭކު ބަލާ އާދެވޭނަމަ، އޭނާ ކޭކު އޯޑަރު ނަގަމުން ގެންދާ ކަމަށެވެ.
އަގީލްގެ މިމަސައްކަތަށް އެންމެ ބޮޑު ހިތްވަރެއް މިހާރު ލިބެނީ އޭނާގެ މަންމަގެ ފަރާތުން ކަމަށާއި، މަންމަ އަށް ޝުކުރުއަދާކޮށް، މަންޓާއެއާރ ގެ މެނޭޖްމަންޓާއި މުވައްޒިފުންނަށް، އަދި ކޭކް ޑޮނާސް އާއި އަގީލްގެ އާއިލާ އާއި ގާތް އެކުވެރިންނަށް އޭނާވަނީ ދެއްވާ ހިތްވަރާއި އެހީއަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.