ހޯމަ ދުވަހު ދަންވަރު ޖަލްސާއެއް ބާއްވައި، ގާނޫނު އަސާސީގެ އިސްލާހަށް ވޯޓަށް އަހަނީ
އަންނަ ހޯމަ ދުވަހުގެ ދަންވަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވައި މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހަށް ވޯޓަށް އަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ލަފައާއެކު ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި ކައުންސިލަރުން މަގާމުގައި ތިބެވޭނެ ކަމަށް އިންތިގާލީ މާއްދާއެއް ހިމަނަން މުޅި މަޖިލީހުގެ ކޮމިޓީއަކުން ރޭ ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ބިލެއްގެ ކޮމިޓީ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސެއް ކުރަންވާނީ، އެ ރިޕޯޓު މަޖިލީހުގެ މެމްބަރުންނަށް ފޮނުވުމަށްފަހު، އެ ބިލަށް އިސްލާހު ހުށަހެޅުމަށްޓަކައި މެމްބަރުންނަށް ސާފު ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.
ނަމަވެސް އެ މުއްދަތު އެއަށްވުރެ ކުރު ކުރަންޖެހިއްޖެ ހިނދެއްގައި މަޖިލީހުގެ ރައީސް، ޕާލިމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު އެކަން ކުރުމަކަށް ގަވާއިިދު ހުރަހެއް ނާޅައެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ސަލީމް ވަނީ ގަވާއިދުގައިވާ މުއްދަތުގެ ކުރިން ކޮމިޓީ ރިޕޯޓް ތާވަލު ކުރަން އެއްބަސްނުވާ ކަމަށް މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން އެބަތިއްބެވި ކަމަށާއި އަދި ޕީޕީއެމް-ޕީއެންސީ ފިޔަވައި ދެން ތިއްބެވި މެމްބަރުންނާއެކު އިސްލާހުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލުގެ ކޮމިޓީ ރިޕޯޓު ތާވަލުކޮށް ވޯޓަށް އެހެން ގަވާއިދުގެ ތެރެއިން ޖާގަ ލިބޭ އެންމެ އަވަސް ވަގުތަކީ އަންނަ ހޯމަ ދުވަހުގެ ދަންވަރު ކަމަށެވެ. އެހެންކަމުން އެ ދުވަހުގެ ރޭގަނޑު 11:00 ގައި މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށެވެ.