މާލޭގައި ތާށިވެފައި ތިބި ރިސޯޓު މުވައްޒަފުންނަށް ރަށަށް ދާން އިތުރު ފުރުސަތެއް!
މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރިސޯޓު މުވައްޒަފުންގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވާ މީހުން ރަޖިސްޓާ ވުމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ތެރެއިން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އަނބުރާ ނުދެވި ތިބި މުވައްޒަފުންނަށް އިތުރު ފުރުސަތެއް ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ރިސޯޓު މުވައްޒަފުން ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ބުނީ، ރަޖިސްޓަރ ވާން އެދޭ މުވައްޒަފުން މިނިސްޓްރީގެ ހޮޓްލައިން (7223131)ށް އެސްއެމްއެސްކޮށް ނަން ނޯޓު ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން، މިނިސްޓްރީގެ އީމެއިލް ([email protected])ށް މެއިލްކޮށް ނަން ނޯޓު ކުރެވޭނެކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
މާލެއިން ރަށަށް ދާން ބޭނުންވެފަި ތިބި މީހުން ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސް ކަރަންޓީން ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. އެ ފަރާތްތަކުން ޓްރާންސިޓް ކަރަންޓީނަށް ގެންގޮސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު، ޓެސްޓު ހެދުމަށްފަހު މެނުވީ ރަށަށް ނުދެވޭނެކަން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައި ވެއެވެ.