މިނިސްޓަރު ޒަހާގެ އިސްތިއުފާއަށް އެމްޑީޕީ މެމްބަރުން ގޮވާލައްވައިފި
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް މަޤާމުގެ ޒިންމާ އަދާނުކުރެއްވޭ ކަމަށާއި، މަގާމުން އިސްތިއުފާ ދެއްވުމަށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން ގޮވާލައްވައިފި އެވެ.
ޒަހާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ، އެމްއާރުއެމްގެ ސްލޮޓްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.
ޒަހާގެ އިސްތިއުފާއަށް މެމްބަރުން ގޮވާލެއްވީ، ޒަހާއަށް މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށްވިދާޅުވެ، މަޖިލީހުގެ ޤަވާއިދު ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ޖަލްސާގައި ކޮމެޓީގެ އެރިޕޯޓަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ، ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެއެވެ.
އެގޮތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް އެމްޑީޕީގެ ބޮޑު ތަސައްވުރެއްވާ ކަމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަސްވެރިންނަށް އެތައް ވައުދެއް ވެފައިވާ ކަމަށެވެ. މަސްވެރިކަމާ ގުޅޭ އެތައް ގަރާރެއް ވައްދައި ބޮޑު ގާނޫނެއް މަޖިލީހުން ފާސްކުރީ އެ ސަބަބަށްޓަކައި ކަމަށެވެ.
ޒަހާއަށް ފާޑުވިދާޅުވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވީ މަސްވެރިކަމަށް ޓަކައި މަސައްކަތްތަކެއް ކުރެވުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށެވެ. ދެން މަސައްކަތްތަކެއް ކުރެވުނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މި މަޖިލީހުގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ ގާނޫނު އެކަށީގެންވާ މިންވަރަށް ތަންފީޒު ކުރެވެމުން ނުދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމެޓީން މިނިސްޓަރ ޒަހާ ވަހީދު މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމު ކޮށްފައިވާ ގިނަ ޤަވާއިދު ތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ނުނިމި ވާކަން ކޮމެޓީއަށް ފާހަގަ ކުރެވިފައިވާތީ އެވެ. އެ ޤަވާއިދުތައް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ޤާނޫނުގައި ބުނެފައި ވެއެވެ.
މިނިސްޓަރު ޒަހާ ވަހީދަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ޤަނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރެއްވުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން، މިއަދާ ހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކުރައްވާފައި ނުވާތީ، މިނިސްޓަރ ޒަހާ ވަހީދު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފުވެ ވަޑައިގަންނަވާފައިވާ ކަމަށް ކޮމެޓީގެ ނިންމުމުގައި ވެއެވެ. ކޮމެޓީން މިގޮތަށް ނިންމާފައި ވަނީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
މި މައްސަލަ ކޮމެޓީން ދިރާސާ ކުރަމުންދިޔައިރު، ކޮމެޓީގެ ބައްދަލުވުމަށް މައުލޫމާތު ދެއްވުމަށް ކޮމެޓީއަށް ވަޑައިގެންނެވުމަށް އެދުމުން ޒަހާ ކޮމެޓީ އަށް ވަޑައިގަންނަވާފައެއް ނުވެއެވެ.