ރައީސް ޔާމީނަށް ވެސް ލުއި ލިބެން ޖެހޭ: މޫސަ
ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އެހެން މީހުންނަށް ލިބުނު ގޮތަށް ލުއިތަކެއް ލިބެންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސަ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވެފައިމިވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ލަސްވަމުންދާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ގެންދަވަނީ ކަފާލާތުގެ ދަށުން ހުކުމެއްކޮށްފައި ހުރި މީހަކު ދޫކުރެވޭނެ އުސޫލެއް ނެތް ކަމަށް ވިދާޅުވަމުންނެވެ.
މިކަމާ ގުޅިގެން މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަފާލާތު ކަމަށް ވިޔަސް ނުވަތަ ގޭބަންދަށް ކަމަށް ވިޔަސް ސިޔާސީ އެހެން ލީޑަރުން ކަމަށް ބުނާ މީހުން ޖަލަށްލުމުން އެކި ގޮތްގޮތުން ލުއިއެއް ހޯދަން ގޮވި މީހުން މިއަދު ރައީސް ޔާމީނަށް ވީތީ އުމުރަށް ޖަލުގައި ބާއްވަން އުޅޭ ކަމަށެވެ.
"ރައީސް ޔާމީނަށް ވެސް އެހެން މީހުންނަށް ލިބުނު ލުއިތައް ލިބެން ޖެހޭނެ" މޫސަ ވިދާޅުވިއެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ފަސް އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.