ވިޔަފާރި

އަންނަ މަހުން ފެށިގެން ބީއެމްއެލްއިން ކޭޝް ކާޑު ގެއަށް ގެންގޮސްދޭނެ

ދެން އެމްވީ ، ދެން އޮންލައިން

އަންނަ މަހުން ފެށިގެން ބީއެމްއެލްއިން ކޭޝް ކާޑު ގެއަށް ގެންގޮސްދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން ބީއެމްއެލް އިން ބުނީ އުމުރުން ދުވަސްވީ މީހުންނާއި، ކޮވިޑްގެ ނުރައްކާ ބޮޑު ކަސްޓަމަރުންނަށް ކާޑު ގެއަށް ގެންގޮސްދޭނެ ކަމަށެވެ.

މިފަދަ ފަރާތްތަކުން ކާޑު ނެގުމަށްޓަކައި އެސްއެމްއެސް ކުރާނީ އައިޑީކާޑު ނަންބަރު ޖެހުމަށްފަހު “Card Delivery” ލިޔުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށެވެ. މި ގޮތަށް ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބަޔަށްކަމަށް އެ ބޭންކުން ބުނެއެވެ.

އެހެންފަރާތްތަކުން ކާޑު ނެގުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އައިޑީކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރާއި ނަމާއި މިހާރު އުޅޭ އެޑްރެސް އެސްއެމްއެސް ކުރަންޖެހޭނީ 455 ށެވެ.

އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް ފުލުހުން އެސްއެމްއެސްއަކުން ހުއްދަ ފޮނުވާނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ކަސްޓަމަރ ސާވިސް ސެންޓަރަށް ދިއުމަށް ބޭއެމްއެލްއިން ވަނީ އެދިފައެވެ.

ބީއެމްއެލްއިން ބުނީ މި ގޮތުން ކަސްޓަމާ ސާވިސް ސެންޓަރުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ. ދުވާލެއްގެ މައްޗަށް 300 ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޖޫން މަހުގެ ފުރަތަމަ ދެހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސާވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކާޑު ނެގުމަށް އަންނައިރު ކަސްޓަމަރުން މާސްކު އަޅައި، ގައިދުރުކަން ބަހައްޓައި އަދި އަމިއްލަ ގަލަމެއް ގެނައުމަށްވެސް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!