މަޖިލިސް ރައީސް ސިޓީ ނުފޮނުއްވޭނެކަމަށް ވިދާޅުވުމުން އެކަމަށް ސްޓެލްކޯއިން ޗެލެންޖެއް ނުކުރާނެ
ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަމަށާއި، އެތަނުން އެއް ބާރެއްގެ އިސްވެރިއަކު އެހެން ވިދާޅުވުމުން ސްޓެލްކޯއިން އިތުރަށް އެކަމަށް ޗެލެންޖް ނުކުރާނެކަށް ސްޓެލްކޯ ގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
މުޣުނީ މިހެން ވިދާޅުވީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ސްޓެލްކޯގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެކަމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަދި އެކަމާއި ގުޅިގެން އިތުރު އެއްޗެއް ވިދާޅުވާން ނެތް ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްޓެލްކޯ އިން މަޖިލިހަށް ސިޓީ ނުފޮނުވޭނެ ކަމަށް ވިދާޅުވީ ސްޓެލްކޯގެ އެމްޑީގެ މުސާރަ މީސް މީޑިއާގައި އާއްމުވި ގޮތް ހޯދައިދިނުމަށް އެދި އެ ކުންފުނިން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވުމާއި ގުޅިގެންނެވެ.
ސްޓެލްކޯއިން މި މަހުގެ ހަވަނަ ދުވަހު ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން އެ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާ މެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައި ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފަ އެވެ.
މިކަމާ ގުޅިގެން ރައީސްނަޝީދު ވިދާޅުވީ ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ ބޭފުޅަކަށް ވެސް ސިޓީ ލިޔެވޭނެ ކަމަށާއި އަދި ބޭނުންވާ ކޮންމެ އެއްޗެއް ވިދާޅު ވެވޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އިންޖީނުގޭ ކުދިން ސިޓީއެއް ނުފޮނުވޭނެ ކަމަށާއި 2/68 އެކަމަށް ޖާގައެއް ނުދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސިޓީބިޓީ ލިޔުމާ ގުޅޭގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނު ބުނާގޮތުން "އިންޖީނުގެއިން" އެގޮތަށް މަޖިލީހަށް ސިޓީ ނުފޮނުވޭނެއެވެ.
ސްޓެލްކޯއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައިވާ ގޮތުން އެ ކުންފުނީގެ އެމްޑީ ހަސަން މުޣުނީ އަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. މުސާރައިގެ ގޮތުގައި ލިބެއެވެ. އަދި މިއަދަދަކީ ފިނޭންސުން ކަނޑައަޅާފައިވާ އަދަދެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.