ބާރުގެ ބޭނުންކޮށްގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ގޮތް ގޯސް: އިދިކޮޅު
މިހާރު ތިބި ކައުންސިލަރުގެ ދައުރު ދިގު ދައްމާލުމަށް ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ހުށަހެޅި މައްސަލަ ހައްލުކުރަން ވަގުތު ލިބުނު ކަމަށާއި ނަމަވެސް އެކަން ނުކުރީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިރޭ ބުނެފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑްގެ ސަބަބުން ޤައުމަށް ދިމާވެފައިވާ ސިއްޙީ ކާރިސާއާއި ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ޙައްލު ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކަމާގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފާއިވާ އިސްތިޝާރީ ލަފާގެ ރޫޙާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް ޕްރޮގްރެސިވް ކޯލިޝަނުން ތާއީދު ނުކުރާ ކަމަށެވެ.
އިދިކޮޅުން ބުނީ އެޢަމަލު ކުށްވެރިކޮށް، އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާ ބުނާގޮތުން، މަޖިލީހުން އިސްލާޙު ކުރެވޭނީ ނުވަތަ އެއްވެސް އުނި އިތުރެއް ގެނެވޭނީ އެވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ އެ ހުށަހެޅިފައިވާ އިސްލާހެއް އެކަނި ކަމަށެވެ.
"އިސްލާހަށް ހުށަހެޅިފައި ނުވާ މާއްދާއެއް ނުވަތަ އަކުރެއް އިސްލާޙު ކުރުމަކީ، ނުވަތަ ހުށަހެޅިފައި ނުވާ މާއްދާއަކަށް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައިވެސް، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާޙުން، ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، އަދި އެކަން ޙައްލު ކުރެވޭނީ ޤާނޫނުއަސާސީގެ އެހެން މާއްދާއެއް އިސްލާޙުކޮށްގެން ނުވަތަ އަކުރެއް އިތުރުކޮށްގެން ކަން ވަރަށް ސާފު ބަހުން ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަށް ބިނާކޮށް، މަޖިލީހަށް އައު ބިލެއް ހުށަހަޅައިގެން ކުރިއަށް ދެވިދާނެކަމަށް މިކޯލިޝަނަށް ޤަބޫލު ކުރެވެއެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.
ހަމައެއާއެކު، ޤާނޫނުއަސާސީ އިސްލާހުކުރުމާއެކު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިރުންގެ ދައުރު ދެމިގެންދާއިރު، ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް އަލަށް އެކުލަވާލާ ބިލްގައިވެސް ކަންބޮޑުވާ ކަންތައްތައް ހުރިކަން ފާހަގަކުރާ ކަމަށާއި، އެ ބިލް ބައްޓަންވެފައިވާ ގޮތުން ރައްޔިތުންގެ ބާރު އެއްކޮށް ކެނޑިގެންގޮސް، ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެން ދާކަންވެސް ފާހަގަކުރާ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.
ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ސަބަބުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ޙައްލު ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، އެކަން ނުކޮށް ލަސްކޮށްފައިވަނީ މިސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި ރިޔާސަތުން ކަމަށް އިދިކޮޅުން ބުނެއެވެ.
އަދި ޤާނޫނުއަސާސީއަށް އިސްލާޙެއް ގެނައުމުގައި ފާސްކުރާ ބިލެއްގައި، އެ ގެންނާންވީ އިސްލާޙަކާއި އެ އިސްލާޙަކާ ގުޅިގެން ކުރާންޖެހޭ ކަންތައް ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ހިމަނައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާއި ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބުނާ ގޮތާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅޭނެ އަދި ޤާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެ، ކަމާއި ގުޅުން ނެތް ބިލެއް މަޖިލީހަށް ހުށަހަޅައިގެން ވަގުތު ބޭކާރު ކުރަމުން ގެންދާކަންވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޤާނޫނުތައް ހަދަންވާނީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކަމާއި، ޤާނޫނުއަސާސީއާއި ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލު އެއްޗަކަށްކަމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅުން ބުނީ އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއްކަމަް ޤާނުނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މަޖިލީހުން ކުރަމުން ގެންދާ މަސައްކަތަކީ ޤާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފަށް ކުރަމުން ގެންދާ ކަމެއް ކަމަށާއި އަދި މިހާލަތުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަކީވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތުން ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.