އެއާޕޯޓާ ކައިރީގައި އުޅޭ ނަމަ ލޭމައްޗަށް ހިނގައިދާނެ
އެއާޕޯޓަކާ ކައިރީގައި އުޅުމަކީ ހަމައެކަނި ކަންފަތަށް ބާރުކުރާ ކަމެއް ނޫން ކަމަށާއި އެއީ ހިތަށް ވެސް ބާރު ބޮޑުވާ ކަމެއްގެ ގޮތުގައި އާ ދިރާސާއަކުން ފާހަގަވެއްޖެ އެވެ.
ޕޮލެންޑުގެ ޖަގިއެލޯނިއަން މެޑިކަލް ޔުނިވަސިޓީގެ ދިރާސާގައި ބުނެފައި ވަނީ 1960ގެ ތެރޭގައި މަތިންދާބޯޓު ތައާރަފުކުރި ފަހުން، މަތިންދާބޯޓްތަކާއި އޭގެ ދަތުރުރަށް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
"އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އިން ބުނާ ގޮތުގައި 2013 ވަނަ އަހަރު 64 މިލިއަން ފަހަރު، މަތިންދާބޯޓު ޖައްސައި އަދި ނައްޓާލާފައިވޭ. އަދި ކުރިއަށް އޮތް 20 އަހަރު މި އަދަދު ދެ ގުނަ އިތުރު ވާނެ،" ދިރާސާގައި އިސްކޮށް ހުންނެވި މާޓާ ރޮޖެކް ވިދާޅުވެފައިވެ އެވެ.
ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީގައި ރޮޖެކް ވިދާޅުވެފައި ވަނީ އެއާޕޯޓްތައް ބޮޑުކޮށް ތަރައްގީކުރުމާއި އެއާޕޯޓްތަކާ ކައިރީގައި މީހުން އާބާދުވުން އިތުރުވަމުން ދާއިރު، މަތިންދާބޯޓުގެ އަޑު އަބަދު އިވޭ މީހުންގެ އަދަދު ވެސް ވަަރަށް ބޮޑަށް އިތުރުވެއްޖެ އެވެ. ރޮޖެކް ވިދާޅުވެފައި ވަނީ މި އަޑު، ޚާއްސަކޮށް ރޭނގަނޑުގެ ވަގުތުގައި އިވުމަކީ ލޭމައްޗަށް ދިއުމަށް މެދުވެރިވާ ސަބަބެއް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ މަތިންދާބޯޓުގެ އަޑު އިވުމަކީ ލޭމައްޗަށް ގޮސް ހިތުގެ މައްސަލަތަކާ ކުރިމަތިވެ ސްޓްރޯކް ޖެހުން އިތުރުވާ ކަމެއްގެ ގޮތުގައި ބަލަންޖެހޭ ހެކި އިތުރަށް ލިބެމުން އަންނަ ކަމަށެވެ.
އާ ދިރާސާގައި 44 އަހަރާއި 66 އަހަރާ ދެމެދުގެ 201 މީހަކު ބައިވެރިކޮށްފައި ވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއް ބައި މީހުންނަކީ މަތިންދާބޯޓުގެ އަޑު ގަދަޔަށް އިވ ހިސާބުގައި އުޅެފައިވާ މީހުންނެވެ. ދެން ތިބި މީހުން، މަތިންދާބޯޓުގެ އަޑު މަޑުން އިވޭ ހިސާބުގައި ތިން އަހަރު އުޅެފައިވެ އެވެ.
މި ދެ ގްރޫޕް އަޅާކިޔައި ބެލިއިރު މަތިންދާބޯޓުގެ އަޑު ގަދަޔަށް އިވޭ ހިސާބުގައި އުޅުނު މީހުންގެ ތެރެއިން 40 ޕަސެންޓަކީ ލޭމައްޗަށް ދިއުމުގެ މައްސަލަޔާ ކުރިމަތިވެފައިވާ މީހުންނެވެ. އެކަމަކު އަނެއް ގްރޫޕްގެ މީހުންގެ މެދުގައި މި ނިސްބަތް ހުރީ 24 ޕަސެންޓުގަ އެވެ. މީގެ އިތުރުން، މަތިންދާބޯޓުގެ އަޑު ބާރަށް އިވޭ ހިސާބުގައި އުޅުނު މީހުންގެ ތެރޭގައި ހިތަށް ގެއްލުން ވެފައި ތިބި މީހުން ގިނަކަން ވެސް ވަނީ ފާހަގަވެފަ އެވެ.
އެކަމަކު ދިރާސާގައި ބުނެފައި ވަނީ މަތިންދާބޯޓުގެ އަޑުން ސިއްހަތަށް ކުރާ އަސަރު ދެނެގަތުމަށް އަދި އިތުރަށް ދިރާސާކުރަންޖެހޭ ކަމަށެވެ.
މި އާ ދިރާސާ ވަނީ ފްރާންސްގައި ބޭއްވި ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީގެ ބައްދަލުވުމަށް ހުށަހަޅައިފަ އެވެ.