ނަރުދޫން ކޮވިޑް-19 ޖެހުނު އެންމެން ރަނގަޅުވެއްޖެ، އެންމެން މިއަދު ރަށަށް ދާނެ
ނަރުދޫން ކޮވިޑް-19 ޖެހުނު އެންމެން ރަނގަޅުވެއްޖެއެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެންމެން މިއަދު އެނބުރި ރަށަށް ދާނެއެވެ.
މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްރަށަށް ދަތުރުކުރި ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ފަހުން ނަރުދޫގެ އިތުރު 11 މީހަކު ވެސް ކޮވިޑް19 އަށް ފައްސިވެފައެވެ.
އިއްޔެ ވަނީ ނަރުދޫ ލޮކްޑައުން ގެ ހާލަތުން ނަގައި އާންމު ހާލަތަކަށް ވެސް ގެނެސްފައެވެ.
އަމާޒު ބޯޓުގެ ކެޕްޓަން ނިސްބަތްވާ ނަރުދޫގައި މުޖުތަމައުގައި ބަލި ފެތުރޭކަމަށް ބެލެވޭތީ ޚާއްސަ ފިޔަވަޅުތަކެއް އަޅައި އެރަށުގެ ހާލަތު ބެއްލެވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު ޚާއްސަ ޓީމެއްވެސް ވަނީ ނަރުދުއަށް ގޮސްފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަކީ 1،672 އެވެ. ނަމަވެސް މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އުޅެނީ 1،264 ގަ އެވެ.އަދި 406 މީހަކަށް ވަނީ ޝިފާ ލިބިފައެވެ.
ކޮވިޑް-19 ގައި ރާއްޖެއިން ފަސް މީހަކު ނިޔާވެފައިވެ އެވެ. އެއީ 80 އަހަރުން މަތީގެ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.