ޚަބަރު

ކެންސަރު ބަލި މީހާ ނިޔާވި ފަރުވާ ދެމުން ދަނިކޮށް އެޑްމިޓް ކުރިތާ ދެވަނަ ދުވަހު: އައިޖީއެމްއެޗް

ދެން އެމްވީ ، ދެން އޮންލައިން

ފުމައްމުލަކުން އައިޖީއެމްއެޗަށް ގެނައި ކެންސަރު ބަލީގެ މީހާ ނިޔާވި އިރު، ހާލު ސީރިއަސް ނޫން ކަމަށް އާއިލާއަށް އަންގާފައި ނުވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

Ads by MWSC

އައިޖީއެމްއެޗުން މިހެން ބުނެފައި މިވަނީ ފުވައްމުލަކު ހޮސްޕިޓަލުން އެ ހޮސްޕިޓަލަށް ގެނައި ބަލި މީހަކަށް އެއްވެސް ފަރުވާއެއް ނުދީ އޮއްވާ މަރުވެފައިވާ ކަމަށް އާއިލާއިން ކުރި ތުހުމަތުތަކެއް ކުރުމުންނެވެ.

އާއިލާގެ ފަރާތުން ބުނެފައިވާ ގޮތުގައި އެ މީހާ ނިޔާވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އެ މީހާގެ ހަދަންޖެހޭ ޓެސްޓުތައް އައިޖީއެމްއެޗުން ނަހަދާ ލަސްކުރުމުންނެވެ. އަދި އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ ކަމަށް ވެސް އައިލާއިން ބުނެއެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުން އެ ހޮސްޕިޓަލަށް ގެނައި ބަލި މީހާއަކީ އެޑްވާންސް ކެންސަރު ބަލީގެ މީހެއް ކަމަށް ރިފާ ކޮށްފައިވާ މީހެއް ކަމަށާއި އެ ކޭހަކީ ސީރިއަސް ކޭހެއް ނޫން ކަމަށް ބުނެފައި ނުވާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ މީހާ އެންމެ ފުރަތަމަ އެ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދައްކާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށާއި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ 29 ގައި ކަމަށެވެ. އެހެން ކަމުން އެ މީހާ މަރުވީ ފަރުވާ ދެމުން ދަނިކޮށް އަދި އެޑްމިޓް ކުރިތާ ދެވަނަ އަށް ވީ ދުވަހު ކަމަށެވެ.

"....ފުވައްމަުލަކު ހޮސްޕިޓަލުން މި ހޮސްޕިޓަލަށް މި ކޭސް ރިފާ ކޮށްފައިވަނީ ވެސް އެޑްވާންސް ކެންސާ ކަމަށް ދެނެގަނެ، ސީރިއަސް ކޭސްއެއްގެ ގޮތުގަ އެވެ. ކޮވިޑް-19 އާއި ގުޅިގެން މި ހޮސްޕިޓަލުން އާންމުކޮށް ދެމުންދާ ހިދުމަތްތަށް މެދުކަނޑާލާފައިވީ ނަމަވެސް ލަސްތަކެއް ނުކޮށް ސީޓީ ސްކޭނެއް ހަދައި ކެންސަރު ހަށިގަނޑަށް ފެތުރިފައިވާ މިންވަރާއި މިފަދަ މިންވަރަކަށް ކެންސަރު ފެތުރިފައިވާ ނަމަ ދެން ދިމާވެދާނެ ކަންކަން ވެސް އާއިލާއެއް ކިޔައިދީފައި ވާނެ އެވެ. ބަލިމީހާ މަރުވީ ފަރުވާދެމުން ދަނިކޮށް ދެވަނައަށްވީ ދުވަހު އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗުގެ ބަޔާނުގައި އެފަދަ މައްސަލަތައް ރިވިއުކޮށް އިސްލާހު ކުރަންޖެހޭ ކަންކަން ބަލައި މިހާރަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލާނެ ކަމަށް ބުނެފައިވާއިރު އެ ހޮސްޕީޓަލުން ބަހެއް ނުބުނަނީސް އެ މީހާގެ ވާހަކަ މީޑިއާގައި ރިޕޯޓް ކޮށްފައި ވާތީ ކަންބޮޑުވި ކަމަށް ބުނެފައި ވެއެވެ.

މަރާ ގުޅޭ އެ ހަބަރު އިއްޔެ އަވަސްގައި ވެސް ޝާއިއު ކުރި އެވެ. އަދި އައިޖީއެމްއެޗުގެ ބަހެއް ހޯދަން ގުޅުމުން މިވަގުތު މީޑިއާ މައުލޫމާތު ދޭނެ ބޭފުޅަކު ނެތް ކަމަށާއި އީމެއިލް މެދުވެރިކޮށް ބޭނުންވާ ސުވާލު ފޮނުވުމުން ޖަވާބު ދޭނެ ކަމަށް ބުންޏެވެ. ޖަވާބަށް ކިތައް ދުވަސް ނަގާނެތޯ ސުވާލު ކުރުމުން ފަހަރުގައި ތިން ދުވަސް ނަގާފާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!