ޚަބަރު

އޭލެވެލް ސެޓްފިކެޓްތައް ލިބިއްޖެ، ދަރިވަރުންނަށް ދޫކުރާނީ ޚާއްސަ އުސޫލަކުން: އެޑިއުކޭޝަން

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރުގެ އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓްތައް ރާއްޖެ ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން(ޑީޕީއީ) ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "ޕީއެސްއެމް" އަށް ވިދާޅުވީ އޭލެވެލް ސެޓްފިކެޓްތައް ރާއްޖެ ލިބުމާ ގުޅިގެން އެ ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އޭލެވެލް އިމްތިހާނުގެ ސެޓްފިކެޓްތަކާއި އެސްއެސްސީ އިމްތިހާނުގެ ސެޓްފިކެޓްތައް އެއްކޮން އަންނަ އާދިއްތަ ދުވަހުން ފެށިގެން ސެންޓަރުތަކަށް ފޮނުވަން ފަށާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި ނުވަތަ ލޮކްޑައުންކޮށްފައިވާ ރަށެއްނަމަ މީގެ ކުރީ އަހަރުތަކުގައި ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރި އުސޫލުން ދޫނުކުރާނެ ކަމަށެވެ. އަދި އެފަދަ ރަށްރަށުގައި ސެންޓަރުތަކަށް ކޮންމެ ދަރިވަރަކުގޮސް ސެޓްފިކެޓް ނެގުމުގެ ބަދަލުގައި މި ހާލަތުގައި އަމަލުކުރާނެ ޚާއްސަ އުސޫލެއް އާއްމު ކުރާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ސެޓްފިކެޓްތައް، ދަތުރުފަތުރުގެ ދަތިކަމާހުރެ އަދިވެސް ރާއްޖެ ލިބިފައިނުވާ ކަމަށާއި، ނަމަވެސް އެ ސެޓްފިކެޓްތައްވެސް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓިފިކެޓުތައް ނުލިބި ލަސްވަނީ އިމްތިހާނު ފޯރުކޮށްދޭ މަރުކަޒުތަކުން ސެޓްފިކެޓުތައް ފޮނުވުމުގައި ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

އޯލެވެލް އާއި އޭލެވެލް އިމްތިހާނުގެ ސެޓިފިކެޓަކީ އިމްތިހާނު ނިމޭތާ މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދަރިވަރުނަށް ނަތީޖާ ލިބި އޭގެ މަހެއް ނޫނީ ދެ މަސް ފަހުން ރީ-މާކިން ޕްރޮސެސް ނިންމާ ލިބެމުން އަންނަ ސެޓްފިކެޓްކެވެ.

ނަމަވެސް އެ މިނިސްޓްރީން ބުނީ މި މަރުހަލާ ނިމި ސެޓްފިކެޓުތައް ފޮނުވުމާ ހަމައަށް އައިއިރު ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް ފުރަބަންދުކޮށްފައި ވާތީ ސެޓްފިކެޓުތައް ރާއްޖެއަށް ގެނައުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!