"ލޮކްޑައުންގައި ރާއްޖޭގެ ހާލަތު މިދަނީ ދަށަށް، ރައީސް ސޯލިހުގެ ހިންގުންތެރިކަން ނެތްކަން ސާބިތުވެއްޖެ"
ލޮކްޑައުންގައި އެހެން ގައުމުތަކުން ނަތީޖާ ނެރޭ އިރު ރާއްޖޭގެ ހާލަތު މިދަނީ ކަމަށާއި އެކަމުން ސާބިތު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިންގުންތެރިކަން ނެތްކަން ކަން ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެނިގެން މި ދަނީ ސަޅިބައިސާ ކެނޑުމާއި ވެރިމީހާ ހުންގާނުގައި ނުހިފާ ފަހަތަށް ޖެހޭތަން ކަމަށެވެ.
"ރައީސް ސޯލިހު ގެ ހިންގުންތެރިކަން ނެތްކަން ސާބިތުވެއްޖެ. ލޮކްޑައުންގައި ޤައުމްތަކުން ނަތީޖާ ނެރުނުއިރު އޭޕްރީލް 15 ން ފެށިގެން ރާއްޖޭގެ ހާލަތު މިދަނީ ކޮންމެ ދުވަހަކު ދަށަށް. ދިވެހި ޤައުމް ސަލާމަތްކުރައްވާށި." ޖަމީލު ވިދާޅުވިއެވެ.
ފެންނަނީ ސަޅިބައިސާކެނޑުމާއި ވެރިމީހާ ހުންގާނުގައި ނުހިފާ ފަހަތަށް ޖެހޭތަން. @ibusolih ގެ ހިންގުންތެރިކަން ނެތްކަން ސާބިތުވެއްޖެ. ލޮކްޑައުންގައި ޤައުމްތަކުން ނަތީޖާ ނެރުނުއިރު އޭޕްރީލް 15 ން ފެށިގެން ރާއްޖޭގެ ހާލަތު މިދަނީ ކޮންމެ ދުވަހަކު ދަށަށް. ދިވެހި ޤައުމް ސަލާމަތްކުރައްވާށި pic.twitter.com/d5OtrXPpTj
— Mohamed Jameel Ahmed (@MJameelAhmed) May 31, 2020
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާތީ ސަރުކާރުން ވަނީ މިހާރު ލޮކްޑައުންއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފަ އެވެ. އެގޮތުން ގެއަކުން ދެމީހުންނަށް ބޭރަށް ނުކުމެވޭގޮތް ހެދުމާއި، ބައެއް ފިހާރަތައް ހުޅުވުން ފަދަ ހުއްދަތަށް ދީފައިވެ އެވެ.
ނަމަވެސް ލޮކްޑައުންނަށް ލުއި ދޭން ފެށި ފަހުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ އަނެއްކާ ވެސް އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 81 މީހަކު ވަނީ ފައްސިވެފައެވެ.
ރާއްޖެ އިން މިހާތަނަށް 1633 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 863 ބަންގްލަދޭޝް މީހުންނާއި، 555 ދިވެހީންނާއި، 165 އިންޑިއާ މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި ލަންކާ ނުވަ މީހެއްގެ އިތުރުން ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ.