މުނިފޫހިފިލުވުން

ރޭގަނޑު ނުނިދާ އުޅޭނަމަ ހިތުގެ ބަލީގެ ނުރައްކާ ބޮޑު!

ދެން އެމްވީ ، ދެން އޮންލައިން

ނިދި މަދުވުމާއި ނިދުމުގެ ރަނގަޅު އާދައެއް ނެތުމުގެ ސަބަބުން ހިތުގެ ބަލީގެ ނުރައްކާ ބޮޑުވާ ކަމަށާއި ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ މީހުންނަށް މި ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

Ads by MWSC

"އިންސާނުން އަދި ހުރިހާ މެމަލްއެއްގައި ވެސް ނިދާ ވަގުތާއި ހޭލާ ވަގުތު ވަނީ ހިތުގެ ހިނގުމާ ގުޅިފައި. އެކަން ކޮންޓްރޯލްކުރަނީ ސިކުނޑީގައިވާ ގަޑިއަކުން،" ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ޑެނިއެލާ ގްރިމަލްދީ ވިދާޅުވި އެވެ.

ޗިކާގޯގެ ނޯތު ވެސްޓާން ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ގްރިމަލްދީ ވިދާޅުވީ ސިކުނޑީގައިވާ "ގަޑި" ން ދޭ އިރުޝާދާ އެއްގޮތަށް ނުނިދާ ނަމަ ހިތުގެ ހިނގުމަށް ބަދަލު އައިސް މައްސަލަތައް ކުރިމަތިވާން ފަށާ ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ރަނގަޅަށް ނުނިދުމުގެ ސަބަބުން ހިތުގެ ހިނގުމަށް އަންނަ ބަދަލު، ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ މީހުން ރޭގަނޑު ނިދި ކަމުގައި ވިޔަސް ހަމަޔަކަށް ނޭޅޭ ކަމަށެވެ. އެއީ އަނެއްކާވެސް ނިދީގެ ބުރު އެހެން ގޮތަކަށް ބަދަލުވެގެން ދާތީ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. މި ދިރާސާ ކުރުމަށް އުމުރުން 20 އަހަރާއި 39 އަހަރާ ދެމެދުގެ، ސިއްހަތު ރަނގަޅު 26 މީހަކު ބައިވެރިކޮށްފައިވެ އެވެ. މި މީހުންނަށް ދީފައި ވަނީ އަށް ދުވަސް ވަންދެން ކޮންމެ ދުވަހަކު ފަސް ގަޑިއިރުގެ ނިންޖެވެ. އަދި އަށް ރޭގެ ތެރެއިން ހަތަރު ރޭ، ނިދާ ގަޑި 8.5 ގަޑިއިރު ފަސްކޮށްފައިވެ އެވެ.

"އިންސާނުން އަދި ހުރިހާ މެމަލްއެއްގައި ވެސް ނިދާ ވަގުތާއި ހޭލާ ވަގުތު ވަނީ ހިތުގެ ހިނގުމާ ގުޅިފައި. އެކަން ކޮންޓްރޯލްކުރަނީ ސިކުނޑީގައިވާ ގަޑިއަކުން"

މި މީހުންގެ ތެރެެއިން ރޭގަނޑު ރަނގަޅަށް ނިދި ނުލިބުނު މީހުންގެ ހިތުގެ ހިނގުން ދުވާލުގެ ވަގުތުގައި އަވަސްވެފައިވާކަން ފާހަގަވެފައިވެ އެވެ. އަދި މި ބަދަލު، ނިދާ ގަޑި ފަސްކުރި މީހުންގެ ކިބައިން ވެސް ވަނީ ފެނިފަ އެވެ.

މި މީހުންގެ ހަށިގަނޑުގައި ނޯރޭޕިނެފްރިން ހޯމޯން އިތުރުވެފައިވެ އެވެ. މިއީ ލޭ ނާރުތައް ހިމަވެ އަދި ދެމުމުގެ ސަބަބުން ޕްރެޝަރު މައްޗަށް ދިއުމަށް މެދުވެރިކުރުވާ ހޯމޯންއެކެވެ.

ދިރާސާ ޓީމުން ބުނެފައި ވަނީ ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ މީހުން ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި ކަސްރަތު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދޭންޖެހޭ ކަމަށެވެ.

މި ދިރާސާ މިހާރު ވަނީ ހައިޕަޓެންޝަން ޖާނަލްގައި ޝާއިއުކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!