ހިކެން ބޭނުންނަމަ ކާންވީ އަލި ގަދަ ތަންތަނުގައި
ހިކެން މަސައްކުރާ މީހުންނަށް ހޮޓާ، ރެސްޓޯރަންޓްތަކުން ކެއުން ވެސް ވަނީ ބިރުވެރި ކަމަކަށެވެ. އެއީ އެ ތަންތަނަށް ގޮސް ކާ ނަމަ ޑައެޓް ޕްލޭނަށް އަމަލުކުރަން ދަތިވާތީ އެވެ.
ކެލޮރީޒްތަކުން ފުރިފައިވާ މީރު ކެއުންތައް، އެހާމެ ކާހިތްވާ ޒާތުގެ ފޮނިކާއެއްޗެހި އަދި ހަމަ އެހާ މީރު ބުއިންތައް ހުންނައިރު ރެސްޓޯރަންޓަކަށް ވަދެފައި އިންސާފުކޮށް ނުލާ ދޫކޮށްލެވޭ ވަރުގެ އެއްޗަކަށް ނުވެ އެވެ.
ނަމަވެސް ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކެއުން ހަމަ މަގަށް އަޅުވާލާފައި ބަހައްޓައިގެން ވެސް ރެސްޓޯރަންޓް ފަދަ ތަންތަނުން ކެވިދާނެ އުކުޅެއް އެބައޮތެވެ. އެ އުކުޅަކީ ދިއްލާ އަލިކޮށްފައި ހުންނަ ރެސްޓޯރަންޓްތަކަށް ކާން ދިއުމެވެ.
ކާން ތިބޭއިރު ރެސްޓޯރެންޓްގައި ހުންނަ އަލިތައް ފަނޑުވުމަކީ މާހައުލުގެ ރޮމެންޓިކްކަން އިތުރުވާ ކަމެއް ކަމަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. އަދި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އަލި މަޑުވުމުން ކެވޭ މިންވަރުވެސް ދަށްވެ އެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކަނީ ރެސްޓޯރެންޓްތަކުގެ އަލި މަޑުވުމުން، ހަށިގަނޑަށް ފައިދާ ނުކުރާ ޒާތުގެ ކެއުންތައް މާގިނައިން ކެވޭ ކަމަށެވެ. ގަދަޔަށް ދިއްލާފައި ހުންނަ ރެސްޓޯރަންޓްތަކުން ކާއިރު ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް މީހުންނަށް މާބޮޑަށް ސަމާލުވެވޭ ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ގަދަޔަށް ދިއްލާފައި ހުންނަ ރެސްޓޯރަންޓްތަކަށް ގޮސް އޯޑަރު ކުރާ މީހުން އޯޑަރު ކުރާ އެއްޗިއްސަށް ވުރެ އަލި ފަނޑުކޮށްފައި ހުންނަ ރެސްޓޯރަންޓްތަކަށް ގޮސް ކާއެއްޗިއްސަށް އޯޑަރު ކުރާ މީހުން ސިއްހަތަށް ފައިދާއެއް ނުކުރާ ތަކެތި އޯޑަރުކުރާ މިންވަރު 16 ޕަސެންޓާއި 24 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރެވެ.
ސައިންސްވެރިން މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި މިހެން ދިމާވަނީ ގަދަޔަށް ދިއްލާފައި ހުންނަ ރެސްޓޯރަންޓްތަކުން ކާ މީހުން މާ ބޮޑަށް އެލާޓްވެފައި ތިބޭތީ ކަމަށެވެ.
ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ޑރ. ދިޕާޔަން ބިސްވާސް ވިދާޅުވީ ދިއްލާފައި ހުންނަ ކޮޓަރި ކޮޓަރީގައި މާ ބޮޑަށް މީހުން އެލާޓްކޮށް ތިބޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. އެހެންކަމުން މިފަދަ ވަގުތުގައި ސިއްހަތަށް މާބޮޑަށް ވިސްނި ތަންކޮޅެއް ބޮޑަށް، ދެން ވާނެ ގޮތަކާ ދޭތެރޭ ވިސްނޭނެ ކަމަށެވެ.
މި ދިރާސާކުރި ފަރާތުން ވަނީ އެކި ލޮކޭޝަންތަކުގައި ހަތަރު ހޮޓެލް ޗޭނަކުން ހިންގާ 160 އަށް ވުރެ ގިނަ ރެސްޓޯރަންޓުގައި މީހުން ކައި އުޅުނު ގޮތުގެ ސާވޭގެ ބޭނުމަށް ބަލައިފަ އެވެ.
މި ސާވޭއިން ދެއްކި ގޮތުގައި ގަދަޔަށް ދިއްލާފައިވާ ރެސްޓޯރަންޓްތަކުން ކޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އޯޑަރުކުރީ ތެލުލާފައި ހުންނަ އެއްޗިއްސާއި ފޮނި އެއްޗެތީގެ ބަދަލުގައި ގްރިލްޑް ފިޝް، ބޭކްޑް ފިޝް، ތަރުކާރީ އަދި ފަރު މަހުގެ ބާވަތްތައް ފަދަ ސިއްހަތަށް ފައިދާ ހުރި ކެއުމެވެ.
އަދި މި ރެސްޓޯރަންޓްތަކުގެ ސޭލްސް ރެކޯޑްތަކުން ދައްކާ ގޮތުން އެތަންތަނުގެ އެންމެ އަލިމަޑުކޮށް ހުންނަ ކޮޓަރިތަކުން ކޭ މީހުންގެ އޯޑަރުތަކުގައި ހުރި ކެއުން ތަކުގައި 39 ޕަސެންޓް ކެލޮރީޒް އިތުރެވެ.
މިކަމާ ގުޅޭ ހަތަރު ލެބް ސްޓަޑއެއް ވެސް ކޮލެޖަށްދާ އުމުރުގެ 700 ކުދިން ބައިވެރިކޮށްގެން ހަދާފައިވެ އެވެ. ނުކުތީ ހަމަ ކުރީގެ ނަތީޖާ އެވެ.
އޭގެ ފަހުން ހެދި ދެ ފޮލޯ-އަޕް ސްޓަޑީ އިން ވެސް ދެއްކީ ކާން ދާ މީހުން އެލާޓްވެފައި ތިބޭ ވަރަކަށް އޯޑަރުކުރާ ކާއެއްޗެތީގައި ސިއްހަތަށް ފައިދާކުރާ އެއްޗެހި އިތުރުވާ ކަމެވެ. އެއީ ކޮފީ ނުވަތަ އެފަދަ އެހެން އެއްޗެއް ބޮއެގެން އެލާޓްވެފައި ތިބުން ކަމަށް ވިޔަސް ބޭނުމަކަށް ވަނީ ކަންކަމާ ދޭތެރޭ ވިސްނާލެވޭ ވަރަށް ސިކުނޑި އެލާޓްވެފައި ހުރުމެވެ.
ރެސްޓޯރަންޓްތަކުގައި އަލި ފަނޑުކޮށްފައި ބަހައްޓަނީ ކާން އަންނަ މީހުންގެ ހިތްހަމަޖެހޭ މާހައުލެއް ގާއިމްކޮށްދިނުމަށެވެ.
މި ދިރާސާ ރިޕޯޓު ލިޔުނު ރިސާޗަރުންގެ ތެރޭގައި ހިމެނޭ ޑރ. ބްރަޔަން ވަންސިން ވިދާޅުވަނީ ފަނޑު އައްޔަކީ މުޅިން ގޯސް އެއްޗެއް ނޫން ކަމަށެވެ.
"ސިއްހަތަށް ފައިދާ ނުހުންނަ ކާނާއަށް އޯޑަރު ދިނަސް ލަސް ލަހުން ކެއުމާއި މަދުން ކެއުމުން ކާއެއްޗެއްސަށް މާ ރަނގަޅަށް ހިތްހަމަޖެހިގެން އިންސާފުކޮށްލެވޭ،" އޭނާ ވިދާޅުވި އެވެ.
އަނދިރި ތަނެއްގައި ކާއިރު ސިއްހަތަށް ފައިދާ ނުހުންނަ ކާނާ މާ ގިނައިން ކެވޭނަމަ އެކަމަށް އޮތް ހައްލަކީ އެ ފަދަ މީހުން އެލާޓް ވާނެ ގޮތެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދިރާސާގެ ހޯދުންތައް ޝާއިއުކުރަން ހަމަޖެހިފައިވަނީ ޖާނަލް އޮފް މާކެޓިން ރިސާޗްގެ ދެން ނުކުންނަން އޮތް އަދަދުގަ އެވެ.