ކޮންމެ ކަމެއް ހައްލުކުރަން ބޭރުގެ ކަރަކަރައިން މީހުން ގެންނާކަށް ނުޖެހޭ: ނައިބު ރައީސް

ރާއްޖޭގައި ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ބޭރުގެ ކަރަކަރައިން މީހުން ގެންނާކަށް ނުޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް "ދަގެނާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ޤާބިލު ދިވެހި ދަރީން މިފަސްގަނޑުގައި އެބަތިބި ކަމަށެވެ.
މުޖުތަމައުގައި އޮތް އެންމެބޮޑު މައްސަލަޔަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކޮށް ނައިބު ރައީސް ވަނީ މިކަން ހައްލުކުރުމުގެ ގާބިލުކަން ވެސް ދިވެހިންގެ ގައިގައި ހުރި ކަން ފާހަގަ ކުރައްވާފައެވެ.
“ކުރާ ކޮންމެ ކަމަކީ ބޭރުން އެހެން ކަރަކަރަ ތަކުން މީހުން ގެނެސްގެން ކުރަންޖެހޭ ކަމެއްނޫން. އަޅުގަނޑުމެންނަށް ނުކުރެވޭ ކަންތައްތައް، އަޅުގަނޑުމެންގެ މީހުންނަށްވުރެ އިތުރަށް މީހުން ބޭނުން ވަންޏާ އެހާލަތުގައި އަޅުގަނޑުމެން އެކަން ކުރަންވާނީ.” ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ޒުވާނުންގެ މައްސަލަތައް ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައި މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެރިކަމާ ހަވާލުވެ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ސޯޝަލް ކައުންސިލުން ރާއްޖޭގައިހުރި ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.