އޯޑަރު ކުރީ ދެ ކިލޯ ކިވީ، ލިބުނީ ކިވީ ބްރޭންޑުގެ ދެ ވަޅި
ލޮޮކްޑައުން އާއެކު ކުރިން ވިޔަފާރި ކުރަމުން އައި ގޮތަށް މިވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. ކުރީގައި ފިހާރައަށް ގޮސް ބޭނުންހާ އެއްޗެއް ގަނެވުނަސް މިއަދު ގިނަ ބަޔަކު ހިޔާރުކުރަނީ ގެއަށް މުދާ ޑެލިވެރީ ކުރުމެވެ. އަދި ކަމާބެހޭ ފަރާތްތަކުން ވެސް އިރުޝާދު ދެއްވަނީ މިގޮތަށެވެ.
ފިހާރައަކުން އޮންލައިން ކޮށް އެއްޗެއް އޯޑަރު ކޮށްގެން ދިމާވި ކަމެއްގެ ވާހަކަ ވަރަށް ފަހުން މީހަކު ވަނީ މީސް މީޑިއާ ގައި ހިއްސާކޮށްފައެވެ.
އެގޮތުން އޭނާ ބުނި ގޮތުގައި އޭނާ އޯޑަރު ކުރީ ދެ ކިލޯ ކިވީ ފުރުޓަށެވެ. ނަމަވެސް އޯޑަރު ލިބިގެން ބަލާލިއިރު ލިބިފައި އޮތީ ކިވީ ބްރޭންޑުގެ ދެ ވަޅި ކަމުގައި އޭނާ ބުނެފައިވެއެވެ. އަދި ދެ ކިލޯ ގެ ވަޅު ނުލިބުނީތީ އެކަމާއި ޝުކުރު ކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުންވެސް އިނގުރު ގަންނަން ދެ ފަހަރު މަތިން 'ޖިންޖާ' އަށް އޯޑަރު ދިނުމުން ވެސް ލިބުނީ ލޮނުމެދު ކަމުގައި އޭނާ ބުނެފައިވެއެވެ.
އަދި މިފަދަ ގޮތަކަށް ކަންތައް ތައް ދިމާވާ ކަމުގައިވާނަމަ ރިސްކު ކިތަންމެ ބޮޑު ކަމުގައި ވީނަމަވެސް އޮތް ގޮތަކީ ފިހާރަތަކަށް ދިއުން ކަމުގައި އޭނާ ބުނެފައިވެއެވެ.
ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޒަރޫރީ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ޑެލިވެރީ ކުރުމަކީ ރާއްޖޭގައި މުޅިން އަލަށް ފަށައިގަންނަ ކަމެއް ކަމެވެ. އަދި ވެރިރަށް މާލޭގައި މި ފަދަ ހިދުމަތެއް ދިނުމަކީ ވެސް އުނދަގޫ ކަމެއް ކަމެވެ. އެގޮތުން ކޮންމެ ފިހާރައަކުން އެތައް ހާސް ބަޔަކަށް ހިދުމަތް ދެމުން އަންނައިރު މަސައްކަތް ކުރަން އުޅެނީ މަދު މުވައްޒަފުންކޮޅެއް ކަމާއި އަދި ރެއާއި ދުވާލު އަވަދިނެތި އުޅުމުގައި އޯޑަރުގައި މި ފަދަ ކަންކަން ދިމާވުމަކީ ވެސް ވެދާނެ ކަމެއް ކަން ވެސް އަހަރެެމެން ގަބޫލުކުރަން ޖެހެއެވެ.