ދުވަސްވީ މީހުން ކަސްރަތައް ނިކުންނައިރު މާސްކު އަޅާކަށް ނުޖެހޭނެ: ޑރ. އަފްޒަލް
ދުވަސްވީ މީހުން ފަތިހު ކަސްރަތު ކުރުމަށް ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅާކަށް ނުޖެހޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއި އެކު ދުވަސްވީ މީހުންނަށް މަގުމައްޗަށް ނުކުތުމުގެ ހުއްދަވަނީ ދޭން ފަށާފައެވެ. މިގޮތުން ފުލުހުންގެ ހުއްދައާއި އެކު ކޮންމެ ދުވަހެއްގެ ފަތިހު 05:00 ފެށިގެން 08:00 ނުކުމެ ހިނގާލާ ކަސްރަތުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ފަތިސް ގަޑީގައި ކަސްރަތު ކުރުމަށާއި، ހިނގަން ނިކުމެ އުޅޭ ދުވަސްވީ މީހުން މާސްކު އަޅަން ނުޖެހޭނެ ކަމަށެވެ.
އަދި އެ ގަޑީގައި ބޭރަށް ނިކުމެ އުޅޭ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ މާސްކު ނޭޅުން ކަމަށާއި ކަސްރަތު ކޮށް، ހިނގާ ހަދަން ފަތިހު ބޭރަށް ނިކުމެ އުޅޭއިރުގައި، މާސްކު އަޅައިގެން ކަސްރަތު ކުރުމަށް އުޅެއްޖެނަމަ ނޭވާލުމަށް އުނދަގުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"އެގަޑީގައި ނިކުންނަ މީހުން އާންމުކޮށް މާސްކް ނޭޅިޔަސް ރަނގަޅުވާނެ. ކަސްރަތެއް ގޮތަށް އެކަން ކުރާއިރު ރަނގަޅަކީ މާސްކް ނެޅިއްޔާ. ހަށިގަނޑަށް މާބާރު ލައިފިއްޔާ ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބިދާނެތީ. އެކަހެރިކޮށް ކަަސްރަތު ކުރޭ،" ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.
ދުވަސްވީ މީހުން ހެނދުނު ނުކުންނަ އިރު ބައެއް ފަރާތްތަކުން ކުޑަކުދިން ނެރޭތީ އެކަން ނުކުރެއްވުމަށްވެސް ޑރ އަފްޒަލް ވަނީ ގޮވާލައްވާފައެވެ. ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު ކުޑަކުދިން ނެރުމަކީ އެހާ ރައްކާތެރިކަމެއް ނޫންކަމަށެވެ.