އިތުރު ގަޑީގެ ފައިސާ އުނިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މައްސަލަ މަޖިލީހަށް
ކޮވިޑް-19 ގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ ދަށްވާތީ ހަރަދު ކުޑަ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ގެނެސް ސިވިލް ސާވިސް ކޮމިޝަނުން ސާކިއުލާއެއް ނެރުނީ މެއި، 17ގަ އެވެ. އެ ސާކިއުލާއާ ގުޅިގެން ކަންބޮޑުވުންފާޅުކުރަނިކޮށް، ފަހުން ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި، މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދެން ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ.
އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލް ހައްވާ ޝަފީއާ ރިޒާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުުގައި އަމަލު ކުރާ އުސޫލަށް ބަދަލު ގެނެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރެފައިވާ ސާކިއުލާގައި ކަންބޮޑުވާން ޖެހޭ ގާނޫނީ މައްސަލަތަކެއް ހިމެނޭ ކަމަށެވެ.
ސިވިލް ސާވިސްގެ ގަވާއިދާ ހަވާލާދީ، އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފަކު ލައްވައި، ދުވާލަކު ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް ވުރެން އިތުރަށް މަސައްކަތް ކުރުވައިފި ނަމަ، އިތުރަށް މަސައްކަތް ކުރުވި ވަގުތަށް އިތުރު ގަޑީގެ ފައިސާ ދޭން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތަށް އޮއްވައި އެއާ ހިލާފަށް، އަދި ގަވާއިދު ވެސް ބަދަލުނުކޮށް ސާކިއުލާތަކެއް މެދުވެރިކޮށް ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލު ގެނައީ ގަވާއިދާ ހިލާފަށް ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ރިއާޔަތް ކުރައްވައި ޝަފީއާ ވިދާޅުވެފައި ވަނީ އެ ގާނޫނުގައި ބުނާ ގޮތުން ވަޒީފާ ދޭ ފަރާތާއި މުވައްޒަފަކާ ދެމެދުވާ އެއްބަސްވުމެއްގެ ދަށުން މެނުވީ މުވައްޒަފަކު ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވައިގެން ނުވާނެ ކަމާއި އިތުރު ގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރު ގަޑީގެ ފައިސާ ދޭން ވާނެ ކަމަށެވެ.
އެހެންކަމުން މި ހާލަތުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ސީއެސްސީން ބަދަލު ގެނެސްފައި ވަނީ ވަޒީފާގެ ގާނޫނާ ހިލާފަށް ކަމަށް އެ ސިޓީގައިވެ އެވެ. ސީއެސްސީން ވެސް އެ ގަނޫނަށް އަމަލު ކުރަން ޖެހޭނެ ކަަމަށް ޝަފީއާ ވިދާޅުވެފައިވެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އެ މުވައްޒަފުންނަށް ލިބެން ޖެހޭ ފައިސާއަކީ ގާނޫނު އަސާސީގެ ދަށުން އެ ފަރާތްތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި އެ ހައްގަށޤ އުނިކަމެއް ނާންނާނެ ގޮތަށް އަމަލު ކުރުމަކީ ދައުލަތުގެ މައްޗަށް ޒިންމާއެއް ކަމަށް ޝަފީއާގެ ސިޓީގައިވެ އެވެ.
އެހެންކަމުން ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓްރީ އާއި ސީއެސްސީން ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބެލެވޭތީ، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން އެ ކަން ހިނގައި ދިޔަ ގޮތް ސާފުކޮށް އެ މުއައްސަސާތައް ޖަވާބުދާރީ ކުރުމަށް ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.