އެނގޭތަ؟ ޖުމާ އަކީ ވަރަށް ކައްކާ މީހެއް!
ދިވެހި ފިލްމީތަރިންގެ ހުންނަ އެހެން ހުނަރުތައް ގިނަ މީހުންނަކަށް ނޭނގެއެވެ. ގިނަ މީހުންނަށް ފިލްމީ ތަރިން ހަމައެކަނި އެނގިފައިވަނީ އެކްޓުކުރުން ނުވަތަ އެކަމާއި ގުޅުން ހުރި ކޮންމެވެސް ކަމެއްގައި އުޅޭ ބައެއްގެ ގޮތުގައެވެ.
އެފަދަ ހުނަރުތަކުގެ ވާހަކަ ދައްކާއިރު، ފިލްމީތަރި/ފެޝަން ޑިޒައިނަރ/މޭކަޕް އާޓިސްޓް އިސްމާއިލް ޖުމައިހް (ޖުމާ) މިވަނީ އޭނަގެ ކިބައިގަ ހުރި މޮޅު ހުނަރެއްގެ ވާހަކަވެސް ދާދި ފަހުން ކިޔައިދީފައެވެ.
ބައިސްކޯފުގެ "ލޮކްޑް އަޕް ވިތް" ސީރީޒްގެ އޭނާގެ އެޕިސޯޑުގައި ވާހަކަ ދައްކަމުން ޖުމާ ބުނީ އޭނާއަކީ ވަރަށް މޮޅަށް ކައްކާ މީހެއް ކަމަށެވެ.
"ޖުމާ އަކީ ވަރަށް ގަދަޔަށް ކައްކާ މީހެއް. ހަމަ ދޮގެއް ނުހަދާ މިބުނީ، ވަރަށް ކައްކަން. ކައްކާފަ ހުންނާނެ ވަަރަށް ބައިވަރު އެއްޗެހި" ޖުމާގެ މިއިތުރު ހުނަރާއި ބެހޭގޮތުން ކިޔައިދެމުން ބުނެފައިވެއެވެ.
ނަމަވެސް ކެއްކުމުގައި ޖުމާއަށް ދިމާވާ ވަަރަށް މަޖާ މައްސަލައެއްވެއެވެ. އޭނާ ތައްޔާރުކުރާ އެއްޗެއް ތައްޔާރު ކުރެވެނީ ހަމަ އެންމެ ފަހަރަކު އެވެ.
"އެއީ ވަން ޓައިިމް ރެސިޕީއެއް. ދެވަނަ ފަހަރަށް ރިޕީޓެއް ނުވާނެ. ދެން ޖެހޭނީ މީހަކު އެއެއްޗެއް ހާދަ މީރޭ ބުނެގެން އަލުން ތައްޔާރު ކުރެވޭތޯ މަސައްކަތް ކުރަން. އެޅި އިންގްރީޑިއެންޓްސްތައް އިނގޭނެ. އެކަމަކު އެއްޗެހި އެޅި ވަރަކާއި އެޅީ ކޮން އިރަކު ކިހިނެއް ކަމެއް، އަލުން ނޭނގޭނެ. ކުކުޅު އެއްޗެހި ހަދާފަ ހުންނާނެހަމަ ވަރަށް ހަދާހިތުން. ސޯސް ގަނޑާ އެއްޗެހި، ގްރޭވީ ގަނޑާ އެއްޗެހި ވަރަށް މީރުކޮށް ހުންނާނެ ހަދާފަ. އެކަމަކު ދެވަނަ ފަހަރަށް އެހަދަން ޖެހިއްޖިއްޔާ ވެސް ނާންގަން ހަދަން ނޭނގޭކަމަށް، އޮޅިގެން ހެދުން ކަމަކަށް. މީހަކަށް އެޔެއް އެނގުނަކަ ނުދެން. އިނގޭނޭ ބުނަނީ. އެކަމަކު ދެވަނަ ދުވަހު މިސާލަކަށް އެރަހަ ނުލައިފިއްޔާ ބުނަން ކުރީ ދުވަހު އެޅި އިންގްރީޑިއެންޓްސް ނުލިބުނީއޭ. އެކަހަލަ އެއްޗެއް ބުނެ އޮޅުވާލާފަ ބަޗަނީ" ހިނިގަނޑަކާއެކު ޖުމާ ބުންޏެވެ.
މީގެއިތުރުން ޖުމާ ބުނީ އާއްމުކޮށް ޖުމާ އެގޮތަށް ކައްކާފަ ކާންދީފަ ހުންނާނީ ރަށްޓެހިންނަށް ކަމަށާއި އެގޮތުން އެގޭގެއަށް ގޮސްވެސް ކައްކާ ކަމަށާއި އޭގެއިތުރުން އަމިއްލަ ގޭގައިވެސް ކައްކާފަ، ކާން މީހުންނަށް ދައުވަތު ދޭ ކަމަށެވެ.