އެއް މަސް ފަހުން މަނަދޫ އާންމު ހާލަތަށް ގެންގޮސްފި
ނ. މަނަދޫ މޮނީޓަރިންގެ ހާލަތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށް އާންމު ހާލަތަށް ގެންގޮސްފިއެވެ.
މަނަދޫ ކައުންސިލަށް އެޗްޕީއޭ އިން މިއަދު ފޮނުވި ލިޔުމުގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންތައް ބެލުމުން އެ ރަށް އިތުރަށް މޮނީޓަރިންގެ ހާލަތުގައި ބާއްވަންޖެހޭ ކަމަށް ނުފެންނަ ކަމަށެވެ.
މަނަދޫ މޮނިޓަރިން ގެ ހާލަތަކަށް ގެނެސްފައިވަނި މި ދިޔަ މަހުގެ އެއްވަނަ ދުވަހު އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ހެދި ޓެސްޓުތަކުން އުމުރުން ދުވަސްވީ މީހަކު ފައްސިވުމާއި ގުޅިގެންނެވެ. ނަމަވެސް އޭނާ ކޮވިޑް19 އަށް ޝިފާ ލިބުމަށް ފަހު އެހެން ބައްޔަކަށް ފަރުވާ ހޯދަމުން އަންނަނިކޮށް ވަނީ ނިޔާވެފައެވެ.
މަނަދޫ އިން ޖުމްލަ 10 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު އެ އެންމެނަކީ ވެސް އުމުރުން ދުވަސްވީ މީހުންނާއި ދިމާވި މީހުނެވެ. މި އެންމެން މިހާރު ވަނީ ބަލިން ޝިފާ ލިބިފައެވެ.
މަނަދޫ ގެ އިތުރުން ދެން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ނަރުދޫ ވެސް ވަނީ މިހާރު އާންމު ހާލަތަކަށް ގެނެސްފައެވެ.