ޚަބަރު

ޝަހީމް، ނަޝީދަށް: ރައީސް ޔާމީނަކީ ރާއްޖޭގައި އުފެދުނު ވަރުގަދަ ސިންގާއެއް، އެމަނިކުފާނުގެ ހަޔާތްޕުޅު ސަލާމަތްކޮށްދެއްވާ!

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބުދުﷲ ޔާމީނަކީ ރާއްޖޭގައި އުފެދުނު ވަރަށް ވަރުގަދަ ''ސިންގާއެއް'' ކަމަށާއި އެމަނިކުފާނުގެ ހަޔާތްޕުޅު ސަލާމަތްކޮށްދެއްވުމަށްއެދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފި އެވެ.

Ads by STELCO

ޝަހީމް މިގޮތަށް ވިދާޅުވެފައި މިިިވަނީ، ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކަށް ވިދާޅެއް ނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެނެވެ.

ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ، ރައީސް ޔަމީން ޖަލަށް ލުމަކީ ރާއްޖޭގެ ތާރީހުގައި ހިގާފައިވާ އެންމެ ބޭ އިންސާފު އެއް އަނިޔާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ މައްސަލަ ބެއްލެވި ގާޒީ ޢަޒުލުކޮށް، ފަނޑިޔާރުންނަށް ނުފޫޒު ހިންގައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަ އޮއްބާލައި އަސްލު މުޖުރިމުން ފޮރުވަން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ގައުމުގެ އެތެރެ އާއި ބޭރުގެ ދުޝްމަނުން ރުއްސަން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ކޯލިޝަންގެ އިސް ބައިވެރިންގެ ވަރުގަދަ ބަދަލު ހިފުމެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ރައީސް ނަޝީދު އެވެ! ބުނެލަން ބޭނުންވަނީ ބަނޑުހައި ހޫނު ކަމުގައި ޖަންގަލީގައި މަރުވަނީ ކިތައް ވަރުގަދަ ސިންގާ ހެއްޔެވެ؟ ރައީސް ޔާމީންއަކީ ރާއްޖޭގެ އުފެދުނު ވަރަށް ވަރުގަދަ ސިންގާއެކެވެ. އެމަނިކުފާނުގެ ޙަޔާތްޕުޅު ސަލާމަތްކުރައްވާށެވެ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީން ނެގިކަމަށް ބުނާ ފައިސާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށާއި ރައީސް ޔާމީން އަމިއްލަ އަށް އިސް ނަގައިގެން އެ ފައިސާ މާކުރިން ހަވާލުކޮށްފައިވާ ކަމަށެވެ.

"އެ ފައިސާއަކީ ދައުލަތުގެ ފައިސާ އެއްކަމެއް، ހުކުމް ކުރުމާ ހަމައަށް އަދި އޭގެ ފަހުން ވެސް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާފައިނުވޭ، އެހެން ބަޔަކު މީހެއްގެ އެކައުންޓަށް ޖަމާކުރި ފައިސާއަކާ ގުޅިގެން، އަދި އެމީހާގެ އަމިއްލަ އިހުތިޔާރުގައި، އެ ފައިސާގެ ހަގީގަތް އެނގެންދެން ދައުލަތުގެ ބެލުމުގެ ދަށުގައި އެއަދަދުން ފައިސާ ބަހައްޓާފައި ވަނިކޮށް، އެމީހާގެ މައްޗަށް ހުކުމް ކުރުމަކީ އިންސާފުވެރި ހުކުމެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ ނަޝީދަށް ގިނަ ސުވާލުތަކެއްވެސް ކުރިމަތި ކުރައްވާފަ އެވެ. އެގޮތުން އެފައިސާ ރައީސް ޔާމީން އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މީހުން ކޮބައިތޯ އާއި އެމްއެމްޕީއާރުސީގެ މައްސަލައިގައި ރާއްޖެ ގެނައުމަށް ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތައް ނުގެނެސް އެނޯޓިސް މި ސަރުކާރުން ކެންސަލްކޮށްލީ ކީއްވެތޯވެސް ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހުކުމް ކޮށްފައިވާ ފަރާތްތައް މި ސަރުކާރުން ގޭގައި ބައިތިއްބައި، ރައީސް ޔާމީން ޖަލުގައި ބަހައްޓަވާފައިވަނީ ކީއްވެތޯވެސް ޝަހީމް ވަނީ ސުވާލު ކުރައްވާފަ އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، އޭނާ މިވަގުތާ ހަމައަށް ވެސް ދެކެމުން އައީ ރައީސް ނަޝީދަކީ ވަރަށް އިންސާނީ ކުލުނު ހުންނަ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

ޝަހީމް ވަނީ ރައީސް ޔާމީން މިނިވަންކުރައްވައި އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަށް ގޮވާލައްވާފަ އެވެ. އަދި އެކަން ކުރެއްވޭނެ ބޭފުޅަކީ ރައީސް ނަޝީދު ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!