ކުލި ނުދެއްކިގެން ރަށަށް ދާން ބޭނުންވާ 97 މީހެއް އެބަތިބި: ޖެންޑާ
ކޮވިޑާ ގުޅިގެން މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ކުލި ނުދެއްކި، އެނބުރި ރަށަށް ދާން ބޭނުންވާ 97 މީހަކު އެބަތިބި ކަމަށް ޖެންޑާ މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ ކުލި ނުދެއްކިގެން ރަށަށް ދާން ބޭނުންވާ 97 މީހުން ނިސްބަތްވަނީ 12 އާއިލާ އަކަށް ކަމަށެވެ.
ޔުމްނާ ވިދާޅުވީ އެޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްކުލި ނުދެއްކޭ ހާލަތުގައި ތިބި 220 މީހަކަށް ޖެންޑާ އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެންމެ ގިނައިން ކުލި ނުދެއްކިގެން އެހީތެރިކަމަށް އެދުނީ މެއި މަހުގެ 15 ވަނަ ދުވަހާއި 21 ވަނަ ދުވަހާއި ދެމެދު ކަމަށާއި އެގޮތުން އެ ދުވަސްތަކުގައި 75 މީހަކު އެހީތެރިކަމަށް އެދުނު ކަމަށް ޔުމްނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮވިޑް ކަންތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާތަނަށް ވަނީ 4.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެ ފައިސާ އަކީ އެކި ފަންޑުތަކުން ހޭދަކޮށްފައިވާ ފައިސާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. މީގެތެރޭގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތައް ވެސް ހިމެނޭ ކަމަށެވެ.
"ބަޖެޓުން މިހާތަނަށް 1.6 މިލިއަން ރުފިޔާ ވަނީ ހޭދަވެފައި. އޭގެ ތެރޭގައި ގިނައިން ހޭދަކޮށްފައިވަނީ ކެއިން ބުއިމުގެ ހަރަދަށް،" ޔުމްނާ ވިދާޅުވިއެވެ.