ޚަބަރު

މިނިސްޓަރ ނަހުލާ މަޖިލީހުގެ ކޮމިޓީއަށް ހާޟިރުނުވާ މައްސަލައިގައި މެންބަރުން "ރަތަށް"

ދެން އެމްވީ ، ދެން އޮންލައިން

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވާން އެކި ފަހަރު މަތިން އެންގުމުން ވެސް ހާޒިރު ވެފައި ނުވާތީ އެ ކޮމިޓީގެ މެންބަރުން އެ ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާ އޭނާ އެ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

Ads by STELCO

ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެކުލާވަލާން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ މިނިސްޓަރު ނަހުލާ ހާޒިރުކޮށްދޭން އެ ކޮމިޓީގައި އެދިވަޑައިގަތީ އެ ކޮމިޓީގެ މެންބަރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެކަމާ ގުޅިގެން މިރޭ ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅޭ ގިނަ ކަންބޮޑުވުންތައް އާންމުންގެ އެބަހުރި ކަމަށާއި އެކަމަކު މިހާތަނަށް މިނިސްޓަރު ނަހުލާ އެ ކޮމެޓީއަށް ހާޒިރު ނުކުރެވޭ ކަމަށެވެ. އަދި ކުރިން އެކިފަހަރު މަތިން އޭނާ ހާޒިރުވާން ކޮމެޓީން އެދުމުން ވެސް އެކި ސަބަބުތައް ދެއްކެވުމަށް ފަހު ކޮމެޓީއަށް ހާޒިރުނުވާ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވާ، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. ނާޒިމް ވިދާޅުވީ ވޭތުވެދިޔަ އަހަރު ދުވަހު މިނިސްޓަރ ނަހުލާ އެ ކޮމިޓީއަށް ހާޒިރު ކުރަން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށެވެ.

"މި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އައި ފަހުން ވެސް މިނިސްޓަރު މާ ބޮޑު މަސައްކަތެއް ކުރައްވާ މަންޒަރެއް ނުފެނޭ، އެހެންވީއިރު ކޮމިޓީއަށް ހާޒިރު ވާން ވަގުތު ދެވެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ، މިއީ މިނިސްޓަރު ބޭނުންވާ އިރަކު ހާޒިރުވާ ގޮތަށް އޮންނަ އިދާރާއެއް ނޫން،" މެންބަރު ނާޒިމް

އެމްޑީޕީއަށް ނިސްބަތްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވިދާޅުވީ ނަހުލާ ކޮޮމެޓީއަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، ހާޒިރުވާން ޖެހޭނެ ކަމަށެވެ.

ޕީޕީއެމްގެ މެންބަރުންވެސްވެސް ވަނީ ނަހުލާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ. އެގޮތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ ކޮމެޓީއަށް ނަހުލާ ހާޒިރުވާން ޖެހޭނީ އޭނާއަށް ފަސޭހަ ގަޑިއެއްގައި ނޫން ކަމަށާއި ކޮމެޓީން ކަނޑައަޅާ ގަޑިއަކަށް އޭނާ ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި މިފަހަރު ނަހުލާގެ އެއްބާރުލުން ނުލިބިއްޖެ ނަމަ، އެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަހުލާ މަޖިލީހުގެ ކޮމިޓީއަށް މީގެ ކުރިން ހާޟިރުވެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަކިކުރާ މައްސަލާގައިި އެކަނިކަމަށްވެސް ބައެއް މެންބަރުންވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!