ޚަބަރު

މަޖިލީހުގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހަށް!

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގައި މާރާމާރީއެއް ހިންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމްއެވެ.

ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަދެއްކެވުމުން މެންބަރު ޝިޔާމް ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

އެކަމާ ގުޅިގެން ޖަލްސާގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް ވަނީ ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝިޔާމްގެ ނަން އިއްވައި ތަޅުމުން ނިކުންނަން އަންގަވާފައެވެ. ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި އޭނާ އާއި ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.

އެހެން ކަމުން ޝިޔާމް ވަނީ އިދިކޮޅު ބައެއް މެންބަރުންނާއެކު ފުލުހުންގެ އިދާރާއަށް ވަޑައިގެން އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައެވެ.

ޝިޔާމަށް އަނިޔާކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި، މިކަން ބޭރުގެ ފަރާތްތަކާއި ވެސް ހިއްސާ ކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ހިނގި ކަންކަމުގެ ތެރެއިން ޝިޔާމް އަށް އަނިޔާވެފައިވާއިރު، އިދިކޮޅުން ވަނީ ޝިޔާމް އަށް އަނިޔާކުރީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އެންގެވުމަށް ކަމަށް ތުހުމަތުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!