ކޯވިޑް-19:ރާއްޖޭގެ ހުރިހާ ރަށަކަށް މަންޑޭ އެހީވުން: "މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް"
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް އެހީތެރިވުމުގެ ގޮތުން ޒުވާން ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އެހީގެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކޯވިޑް އާއި ގުޅިގެން ކެޕާކް ރެސިޑެންސްގެ މެނޭޖިންގ ޑިރެކްޓަރ މަމްދޫހު ރާއްޖޭގެ ހުރިހާ ރަށަކަށް އެހީވުމުގެ ޕްރޮގާރާމެއް ފައްޓަވާފައިވަނީ މިދިޔަ މެއި މަހުގެ ކުރީ ކޮޅުގައެވެ. އެގޮތުން، މާސްކް، އަންގި، ސެނިޓައިޒަރ އަދި ހޭންޑް ވޮޝް އެކި ރަށްރަށަށް ހަދިޔާކޮށްފައިވެއެވެ.
ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެހީވެދިނުމަށްފަހު، ދެން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މަންޑޭގެ ފަރާތުން ހުސައިން ވިދާޅުވީ، އޭނާ ފެށި މަސައްކަތް މިހާ ބާރު ސްޕީޑުގައި ނިންމާލެވުނީތީ ވަރަށް އުފާކުރައްވާ ކަމަށެވެ. އޭނާ ފެއްޓެވި މަސައްކަތްތަކަށް ކައުންސިލްތަކުންނާއި ޓާސްކް ފޯސްތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަން ފާހަގަކުރައްވަމުން މަންޑޭ ވިދާޅުވީ، ކައުންސިލްތަކުން ރައްޔިތުންނަށް މިފަދަ ކަންކަން މަގުފަހިކޮށްދޭން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށެވެ. އަދި އޭނޭގެ ފަހަތުގައިވާ ޓީމަށް ވަނީ ވަރަށް ޙާއްސަ ޝުކުރެެއް އަދާކޮށްފައެެވެ.
"އަލްޙަމްދު ލިﷲ، މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް. މަންޑޭ ފަރާތުން ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުޑަ ނަމަވެސް އެހީއެއް ވެދެވިއްޖެކަމުގެ އިހުސާސް އެބަކުރެވޭ" ޙުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވި ގޮތުގައި މިފަދަ ދަނޑިވަޅެއްގައި ސަރުކާރަށް ހުރިހާ ޒިންމާއެއް ދޫކޮށްލުމަކީ ވިޔަފާރިވެރިން ހަދާނެ އެންމެ ބޮޑު ގޯހެވެ. އަދި މިއީ ވިޔަފާރިވެރިން ސަރުކާރަށް އެހީވާންޖެހޭނެ ވަގުތެކެވެ.
ހުސައިން ވިދާޅުވި ގޮތުގައި ކޯވިޑާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރާގެ އިދާރާތަކަށް ބޭނުންވާ ސާމާނާއި އާލާތް ފޯރުކޮށް ދީ، އެހީތެރިވާން އޭނާ ނުކުންނެވީ އެކަމަށް މާ ބޮޑަށް ވިސްނައި ފިކުރު ކުރުމަށް ފަހު އެއް ނޫނެވެ. އޭގެ ބަދަލުގައި މި ހާލަތުގައި ރަށްރަށުގެ ރައްޔިތުންނަށް އެހީވާނީ ކޮންބައެއްތޯ އަމިއްލައަށް ސުވާލު ކުރުމަށް ފަހު ވެދެވެން އޮތް އެހީއެއް ހިފައިން އެ އެހީ ދިނުމަށް ނުކުންނެވީ އެވެ.

ހުސައިން ވިދާޅުވީ މިއީ މި ޕްރޮގްރާމް ނިމުނީ ނޫންކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އެހީބޭނުންވާ ރަށްތަކަށް އެހީ ވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
"ނޫން. މިއީ ނިމުނީކީ ނޫން އިނގޭތޯ. މި ނިމުނީ ފުރަތަމަ ފިޔަވަހި. އެއީ ހުރިހާ ރަށަކަށް އެހީވުން. ކުރިޔަށް އޮތްތަނުގައިވެސް ކައުންސިލްތަކުން އެދޭ ކަންކަން ހަމަޖައްސަދެވޭތޯ މަސައްކަތް ކުރާނަން" މަންޑޭގެ ފަރާތުން ހުސައިން ވިދާޅުވިއެވެ.

މަންޑޭގެ އެހީގެ ޕްރޮގްރާމުގެ ދަށުން، ހުރިހާ ރަށު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ވަނީ އެހީތެރިވެދެއްވާފައެވެ. އޭގެ އިތުރުން އެމްއެންޑީއެފް އާއި އައިޖީއެމްއެޗަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.