"ދަންވަރު ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ގައުމީ ހަޔާތުގައި ގާނޫނު އަސާސީގެ ހައިބަތާއި ގަދަރު ދުއްވާލުމެއް"
ދަންވަރު މީހުން ނިދާފައި ތިއްބާ ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ގައުމީ ހަޔާތުގައި ގާނޫނު އަސާސީގެ ހައިބަތާއި ގަދަރު ދުއްވާލުމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝާހީމް މިހެން ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޝަހީމް ވިދާޅުވީ ގާނޫނު އަސާސީގެ 80 އަހަރުވީ ދިގު ތާރީހުގައި ދަންވަރު މީހުން ނިދާފައި ތިއްބާ ބަދަލު ގެނައުމަކީ އަލަށް ހިނގާ ކަމެއް ކަމަށެވެ.
"ގައުމީ ހަޔާތުގައި ގާނޫނު އަސާސީގެ ހައިބަތާއި ގަދަރު ދުއްވާލުމެއް! މިއީ ޑިމޮކްރެސީގެ ޗެމްޕިއަނުން ކަން ކުރަންވީ ގޮތްބާ؟" ޝަހީމް ވިދާޅުވިއެވެ.
Qaanoonu Asaseege 80 aharuvee dhigu thaareekh ga dhanvaru meehun nidhaafa thibbaa badhalu genaumaki alah higaa kameh! Qaumee hayaathuga QA ge haybathaai Qadharu dhuvvaalumeh! Miee democracy ge championun kan kuranvee goybaa?
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 1, 2020
ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލު މަޖިލީހުން މިރޭ ފާސްކުރީ 74 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ބިލު ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެންނެވެ.
އެގޮތުން އެ އިންތިގާލީ މާއްދާގައި ބުނަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.